ޕީޕީއެމް އޮފީސް ހިންގި އިމާރާތް އެ ޕާޓީން ހުސްކޮށްފިއެވެ.

ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ދޫކުރައްވައި، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމާއެކު، ޕީޕީއެމް އޮފީސް ހިންގަމުން އައި ހ. ހުރާފާގެ ވެރިފަރާތުން ވަނީ އެ ތަން ހުސްކުރަން ޕީޕީއެމަށް އަންގައިފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މިއަދު ވަނީ އެދިފައެވެ. އެ ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފްގެ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، އެ ޕާޓީއަށް ވަނުމަށް ފޯމު ފުރުން މިރޭ 9:00 އިން ފެށިގެން ހ. ހުރަފާގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދާނެ ކަމަށެވެ.

ޕީއެންއެފްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް "ވަން" އަށް މިރޭ ވިދާޅުވީ، ހުރަފާގޭގައި ޕީޕީއެމްގެ އޮފީސް ހިންގި ފަންގިފިލާތައްވެސް މިހާރު ހުސްކޮށްފައިވާ ކަމަށެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.