ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކޮންމެ މީހަކަށް ލިބިދީފައިވާ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި "އޮފީސް ފޯ ސިވިލް ރައިޓްސް" ގެ ވެރިއަކަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒު ހަމަޖައްސައިފިއެވެ.

އޭޖީ އޮފީހުން ބުނީ އެ މަގާމަށް ފައިނާ ހަމަޖެއްސެވީ ވަގުތީ ގޮތުން ކަމަށެވެ.

އޮފީސް ފޯ ސިވިލް ރައިޓްސްގެ މެންޑޭޓުގެ ތެރޭގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ މަސައްކަތްތައް ކުރުމާއި މަދަނީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭ ޝަކުވާތަކާއި މަދަނީ ހައްގުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން މީހުންކުރާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން ހިމެނޭ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

މަދަނީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭ ޝަކުވާތަކާއި މަދަނީ ހައްގުތައް ލިބިނުދީ ހިފެހެއްޓުމާ ގުޅޭ ޝަކުވާތައް ހުށަހެޅުމާއި އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރުމަށް ހަމަޖެހިފައި ވަނީ "އޮފީސް ފޯ ސިވިލް ރައިޓްސް އަށް ޝަކުވާ ހުށަހެޅުމާގުޅޭ ގައިޑްލައިން" އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ އެ ގައިޑްލައިނާއި އޮފީސް ފޯ ސިވިލް ރައިޓްސް އަށް ޝަކުވާ ހުށަހަޅާ ފޯމާއި މި ނިޒާމާބެހޭ އިތުރު މައުލޫމާތު، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުންނާއި މިއޮފީހުން ލިބޭނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ޝަކުވާ ހުށެހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

"އޮފީސް ފޯ ސިވިލް ރައިޓްސް" އަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެއް ކަމަސްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.