އަންނަ ރޯދަ މަހުގެ ފަހުން ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އަންނަ ރޯދަ މަހުގެ ފަހު ދިހަޔަކާ ދިމާވުމާއި ގްރޭޑް ދިޔައެއްގެ އިމްތިހާނާ ދިމާވާތީ އެކަމަށް ހައްލު ގެނަސްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޓީއަށް ހުށަހެޅުމުންނެވެ.

ކަލަންޑަރުގަ ބުނަނީ އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 އެއް ކަމަށެވެ.

"ގާނޫނުގައި ކަނޑައަޅާފައިވާ ދުވަސްތަކަށް ބަލައިގެން އަޅުގަނޑުމެން ޓައިމްޓޭބަލް ރާވައިލީމަ އިންތިހާބު ބާއްވަން ޖެހޭ ދުވަހުގެ ގޮތުގައި މި އަންނަނީ 30 މާޗް 2024، އެ ދިމާވަނީ ރަމަލާން މަހުގެ 20 ވަނަ ދުވަހަށް، އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ އެދުވަސްވަރާ ދިމާކޮށް، ރޯދަ މަހުގެ ފަހުދިހައެއް ފެށެން އެއް ދުވަހަށް ވެފައި އޮއްވައި މި ބޭއްވުން. ރަމަލާން މަހުގައި ކެމްޕެއިން ކުރުމާއި ކަންތައްތައްވެސް ވަރަށް އުނދަގޫ، ތަކުލީފިތަކެއް ލިބިގެންދާނެކަން ޔަގީން،" އެކަން ކޮމިޓީއަށް ހުށަހަޅުއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިއެވެ.

އޭގެ އިތުރުން ރޯދަމަހު އިންތިހާބުގެ މަސައްކަތް ކުރުމަށް އިސީގެ މުވައްޒަފުންނަށް ވަރަށް ދަތިވާނެ ކަމަށާއި ވޯޓު ފޯށިތައް ދަށުގައި ބަހައްޓާނެ ގިނަ އަދަދެއްގެ ވަގުތީ މީހުން ބޭނުންވާ އިރު، އެ މީހުން ހޯދުމަށްވެސް ވަރަށް ބޮޑެތި އުނދަގޫތަކެއް ދިމާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތަށް އިންތިހާބަށް ތައްޔާރުވާ ނަމަ، އަންނަ ޖެނުއަރީ މަހުގެ 30، އިން ފެށިގެން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ. އެއަށްފަހު 14 ދުވަހުގެ މުއްދަތެއްދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބުކޮށް، ލިސްޓު ތަރުތީބުކޮށް އިއުލާނު ކުރެވޭވަރު ވާނީ އަންނަ ފެބްރުއަރީ މަހުގެ 17 ގައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ގާނޫނުތަކުގައިވާ މުއްދަތަށް އެކަންކަން ކުރުމަށްފަހު، މާޗް މަހުގެ 19 ވަނަ ދުވަހު އިންތިހާބު ބޭއްވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ރޯދަ މަހުގެ ނުވަ ވަނަ ދުވަސް ކަމަށާއި މާޗް 17 އިން 28 އަށް ގްރޭޑް 10 ސްކޫލް ކުދިންގެ ޓެސްޓް ސްކޫލްތަކުގައި ބާއްވާތީ އެ ތާރީހުގައި އެކަން ކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންތިހާބު ބާއްވަން ބޭނުން ކުރަނީ ސްކޫލްތައް ކަމަށާއި ސްކޫލްތައް ނުލިބި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

"ހިނގަމުން މިދާ މަޖިލިސް މެންބަރުންގެ ދައުރުގެ މުއްދަތު ހަމަވަނީ މެއި މަހުގެ 28 އަށް، އެހެންވީމާ ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އޭގެ މާނައަކީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނޭ. ހިނގަމުން މިދާ މަޖިލީހުގެ އުމުރު ހަމަވުމަށް 120 ދުވަހަށް، އޭގެ މާނައަކީ 2024 ޖެނުއަރީ 28 ވުމާ އެކީގައި ގިނަވެގެން 10 ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިއުލާން ކުރަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނުގައި ބުނަނީ،"

އެހެންކަމުން ޖެނުއަރީ 30 ގައި އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުމަށްފަހު 14 ދުވަހުގެ މުއްދަތެއްދީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15ގައި ކުރިމަތިލުމުގެ މުއްދަތު ބަންދުކޮށް، ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކެނޑިޑޭޓުންގެ ގުރުއަތުން ބޭއްވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓުނަގަން ޖެހޭ ތާރީހަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް ކޮމިޝަނުން އިއުލާން ކުރާ ދުވަހުން ފެށިގެން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ދިނުމަށްފަހު އޮންނަ ތާރީހު ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 17 ވަނަ ދުވަހު ގުރުއަތުލައި 18 ވަނަ ދުވަހު ނަންތައް އިއުލާން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މާޗް މަހުގެ 19 ވަނަ ދުވަހު އެއީ ރަމަލާން މަހުގެ ނުވަވަނަ ދުވަހު އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވިދާނެ އެކަމަކު މާޗް 17 އިން 28 އަށް ގްރޭޑް 10 ގެ ސެކަންޑްޓާމް އެގްޒާމް އެބައޮވޭ އެހެންވީމާ އަޅުގަނޑުމެންނަށް 19 ގައި އިންތިހާބު ނުބޭއްވޭނެ އެއީ މާ ކުރިން ތާވަލް ކުރެވިގެން އޯލެވެލް ކުދިންގެ އެގްޒާމް މިއޮންނަނީ. އެހެންވީމަ، މި ތާރީހަށް ބަލާއިރު އެންމެ އަވަހަށްވެސް އިލެކްޝަން އަށް އިންތިހާބު ބޭއްވޭނީ މާޗް 30 ގައި އެއީ ރަމަލާން މަހުގެ 20 ވަނަ ދުވަސް،"

ހަބީބު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ބާރު އިލެކްޝަސް ކޮމިޝަނަށް މިހާރު ނެތް ކަަމަށެވެ. ހަމައެކަނި އެކަން ކުރެވެން އޮތީ މަޖިލީހުން ހަދާ ސަން ސެޓް ގާނޫނުގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމަށް 120 ދުވަސް ކުރިން އިންތިހާބަށް ކުރިމަތިލުމަށް އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު 140 ދުވަހަށް ބަދަލު ކުރަން ނުވަތަ ކެމްޕެއިނަށް ކެނޑިޑޭޓުންނަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ 30 ދުވަސް 20 ދުވަހުގެ މުއްދަތަށް ސަންސެޓް ގާނޫނުން ބަދަލު ކުރެވިދާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް ނުވަ ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށެވެ.

އީސީން ހުށަހެޅި ހުށަހެޅުންތަކާ ބެހޭގޮތުން ގޮތެއް ނިންމަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، ރޯދަމަސް ނިމިގެން އިންތިހާބު ބޭއްވި ނަމަވެސް ގާނޫނު އަސާސީން އީސީގެ މައްޗަށް ލާޒިމްކޮށްފައިވާ 30 ދުވަހުގެ ކުރިއަށް (މިހާރު މިހިނގާ މަޖިލީހުގެ ދައުރު ނިމުމުގެ 30 ދުވަހުގެ ކުރިއަށް) އިންތިހާބު ބާއްވާ ހުރިހާ ކަމެއް ނިންމޭނެ ކަމަށެވެ.

އެހެންކަމުން އެކަން އެގޮތަށް ކުރުމަކީ ހުރިހާ އެންމެނަށްވެސް މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށާއި ހާއްސަ އިންތިހާބުގައި ވާދަކުރަން ތިބި ކެނޑިޑޭޓުންނާއި ވޯޓުލާން ތިބި މީހުންނަށްވެސް، ރޯދަ މަހުގައި އަޅުކަމާއި އެކި ކަންކަމުގައި އުޅޭ މީހުންނަށް ވަގުތު ދިނުމަށް މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނުވެސް ތަންދެނީ އެގޮތަށް އެކަން ކުރުމަށް ކަމަށާއި ގާނޫނުގައި އޮތްގޮތަށް ކަންކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަހުމަދު އަބުދުﷲގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ކޮމިޓީގެ އަގުލަބިއްޔަތުން އެގޮތަށް ވަނީ ފާސްކޮށްފައެވެ.