ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ހުއްދައަށް އެދި ހުށަހަޅަން ނިންމައިފިއެވެ.
އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ ޓީމެއް މިއަދު ހެނދުނު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަޑައިގެން އެކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. ބައްދަލުވުމަށްފަހު އިލެކްޝަންސް ކޮމިޝަން ހިންގާ އިމާރާތުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އާ ޕާޓީ އުފެއްދުމުގައި އީސީގެ އެއްބާލުން ލިބޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ލިބިފައިވާ ކަމަށެވެ.
މަލީހު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވީ ޕާޓީގެ މުއައްސިސުންގެ ގޮތުގައި އަށް މީހަކު ތިބުމަށް ކަމަށެވެ. ނަމަވެސް އިސީގެ ގަވާއިދުގައި ވާގޮތުން މުއައްސިސެއްގެ ގޮތުގައި ހިމެނޭނީ އެކަކު ކަމަށާއި އެހެންކަމުން ޕާޓީގެ މުއައްސިސުގެ ގޮތުގައި ރަޖިސްޓްރީ ކުރާނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ކަމަށް ވެސް ވިދާޅުވިއެވެ.
ޒެއިންގެ އިތުރުން އާ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ބައިތިއްބަން ރައީސް ޔާމީން ބޭނުންފުޅުވި ކަމަށް މަލީހު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އޭނާ އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދާއި ކުރީގެ ސީޕީ ހުސެއިން ވަހީދު ހިމެނިވަޑައިގަންނަވައެވެ.
މަލީހު ވިދާޅުވީ މިއަދު ފޯމު ހުށަނޭޅުއްވުނީ ކުށުގެ ރެކޯޑުތައް ނުލިބުމުން ކަމަށެވެ. އަދި އެ ފޯމުތައް މިއަދު ލިބިއްޖެ ނަަމަ، މިއަދު އީސީއަށް ވަޑައިގެން ފޯމު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޕާޓީއެއް އުފެއްދުމުގެ ރެކޯޑު މުގުރާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން މަލީހު ވިދާޅުވީ ރައީސް ޔާމީނުގެ ޕާޓީ، އެމަނިކުފާނުގެ އަތުން ބަޔަކު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެކަމުގެ އެންމެ އަޑީގައި ހުންނެވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބުދުﷲ ކަމަށް މަލީހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު