ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ތުރުކީއަށް ފުރާވަޑައިގެންނެވީ ދާދި ދެންމެއެވެ. މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ތުރުކީއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.
ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ އެ ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ދާއިރާ އާއި އެނޫންވެސް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ތުރުކީ އާއި ރާއްޖެއާ ދެމެދުގެ ވައިގެ ދަތުރުތައް އިތުރުކުރުން ހިމެނެއެވެ. އަދި ޓޫރިޒާމާއި ތައުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައި ކަމަށާއި ތުރުކީގެ އިންވެސްޓްމެންޓުތައް ރާއްޖެ ގެނައުމަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން އޭރު މައުލޫމާތު ދިނެވެ.
ރައީސް ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ނަމަވެސް ރައީސް ރާއްޖެ އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 30 ވަނަ ދުވަހު ދުބާއީގައި އޮންނަ ކޮޕް28 ސަމިޓު ނިންމަވާލެއްވުމަށް ފަހު ކަމަށް ހަލީލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު