އުރީދޫގެ ފަން ރަންގެ ކިޓުތައް ޑެލިވާ ކުރަން ތައްޔާރުވަމުންދާ ކަމަށް އުރީދޫއިން ބުނެފިއެވެ.

ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާކުގައި ބާއްވަން ތައްޔާރުވަމުންދާ ފަން ރަންއަށް ރެޖިސްޓާ ކުރުމުގެ މުއްދަތު މި މަހުގެ 30 އަށް ހަމަވާނެއެވެ. ފަން ރަންއަށް ތައްޔާރުވުމުގެ ގޮތުން އުރީދޫއިން ކިޓުތައް ތައްޔާރު ކުރަމުން ދާއިރު، އެ ކިޓުތައް އުރީދޫގެ މޫލީ ޕްލެޓްފޯމުގެ https://www.moolee.mv/category/Fun-Run-2023 މި ލިންކް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

އެގޮތުން، ހަމައެކަނި ޖާޒީއަކާއި ރިސްޓް ބޭންޑަކާއެކު ސްޓޭންޑާޑް ކިޓެއް ލިބޭނީ 100 ރުފިޔާއަށެވެ. އަދި ފަން ކިޓް ލިބޭނީ 200 ރުފިޔާއަށެވެ. އެ ކިޓުގައި ޖާޒީއަކާއެކު ބެންޑެނާ އާއި ދަބަހަކާއި ރިސްޓްބޭންޑް އަދި އައިނެއްވެސް ލިބޭނެއެވެ.

އިޒްރޭލުން ގާޒާއަށް އިހާނެތި ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި އުރީދޫ އާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރުމުގެ ގޮތުން، މިފަހަރުގެ ފަން ރަންގައި ބޭނުންކުރާ ނަމްބަރު ޓެގުގައި "ދިވެހިން ފަލަސްތީނާއެކު" ޝިޔާރު ހިމަނާފައިވާ އިރު، ރާއްޖެ އާއި ފަލަސްތީނުގެ ދިދަ ވެސް ހިމަނާފައި ވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ފަން ރަން ބާއްވަނީ ޑްރޯން ރޭހަކާވެސް އެކުގައެވެ. ޑްރޯން ރޭހުގައި ވަވެރިވުމަށްވެސް މިހާރު ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އުރީދޫ ފަންރަންގައި ކޮންމެ ކިލޯމީޓަރެއް ކައިރީގައި ބަހައްޓާފައި ހުންނަ ސްޓޭޝަންތަކުގައި، ކުލަ، ފެން، ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.