ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހުސް ކުރަން އެ އޮފީސް ހުންނަ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.

ޕީޕީއެމް އޮފީސް ހިންގަމުން ގެންދަނީ ހ. ހުރަފާ ގްރައުންޑް ފްލޯ އާއި އެ ގޭގެ އެއް ވަނަ ފަންގިފިލާގައެވެ.

ޕާޓީގެ އޮފީސް އިމާރާތް ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން އިއްޔެ ޕީޕީއެމަށް ފޮނުވާފައިވާ ސީޓީގައި ވަނީ، ހުރަފާގޭގެ ގްރައުންޑް ފްލޯ އާއި އެއް ވަނަ ފަންގިފިލާއަކީ ޕީޕީއެމުން މިހާރު ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ އެދި ވަޑައިގެންނެވުމުގެ މަތިން އެމަނިކުފާނުގެ އޮފީހެއް ހިންގެވުމަށް ދޫކޮށްފައިވާ ތަނެއް ކަމަށެވެ.

ނަމަވެސް އެތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުންގެންދާކަން ފާހަގަ ކުރެވިފައިވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިއްޔެގެ މެންދުރު ކުރިން ތަން ހުސްކޮށް ހަވާލު ކުރުމަށް އެ ސީޓިގައި ގޭގެ ވެރިފަރާތުން ޕީޕީއެމަށް ވަނީ އަންގައިފައެވެ.

ނަމަވެސް ޕީޕީއެމްގެ އިސްފަރާތްތަކުން ފޯނު ނުނަންގަވާތީ އެކަމާބެހޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޕީޕީއެމްގެ އޮފީސް ހުސްކުރަން އަންގާފައި މިވަނީ، އެ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ވަކިވެ ވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،" ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެންނެވިކަން އިއުލާން ކުރައްވައި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީކު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.