(21 ނޮވެމްބަރުގެ އަދަދާ ގުޅޭ)

"އުޑާ ދިމާޔަށް މަތިބައްލަވައިގެން ހުންނަވައި ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ." (الــبـقــــــرة: 144)

ކާއިނާތުގެ ވެރިފަރާތަކީ އަދި ރަސްވަންތަ ރައްބަކީ اللّــــه سبحـــانــــه وتــعــــالــــى އެވެ. އެކަލާނގެ އިރާދަފުޅުގައިވަނީ އެކަލާނގެ ދީނުގެ ތައުލިއްޔަތާއި އެކަލާނގެ ދީނުގެ އިމާމުކަމުގެ މަޤާމުން ބަނީ އިސްރާއީލު ވަކިކުރެއްވުމަށެވެ. އެކަން ފާޅުކުރެއްވުމުގެ މުޤައްދިމާއަކީ ކައުސާހިބާގެ މިޢުރާޖުގެ ދަތުރުފުޅުގައި ބައިތުލްމަޤްދިސަށް އިސްރާ ކުރެއްވުމެވެ. އެމާތް ސާހިބާ އެތާނގައި އެންމެހައި ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ނަމާދު ކުރެއްވުމެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވުމާ ވިދިގެން ޤިބުލަ ބަދަލުކުރެއްވުމަކީ ދީނާއި ދުނިޔޭގެ އިމާމުކަމާއި މުޤައްދަސް ބިންތަކުގެ ވެރިކަމުން ބަނީ އިސްރާއީލު ވަކިކުރެއްވިކަން އިޢުލާން ކުރެއްވުމެވެ. ބަނީ އިސްރާއީލުގެ ބަދަލުގައި ބަނީ އިސްމާޢީލާ އިސްލާމީ މިއްލަތާ ވެރިކަން ޙަވާލުކުރެއްވިކަން ބަޔާންކުރައްވައި ފާޅުކުރެއްވުމެވެ. އިސްލާމްދީނުގެ ޢާލަމީ ދަޢުވަތާއި ހެޔޮކަމާއި ފަލާޙުގެ މަރުކަޒެއްކަމުގައި އެހައިތަނަށް ހަމަޖެހިފައިއޮތް ބައިތުލްމަޤްދިސުން كــعـــبـــة اللّــــه ގެ ޙަރަމަށް އެކަން ބަދަލުކުރެއްވިކަމުގެ ޞަރީޙަ އިޢުލާނެވެ. އަރަހުށި މާތް اللّــــه އިސްލާމީ އުންމަތް ލައްވައިފައިވަނީ މެދުމިން އުންމަތް ކަމުގައެވެ. ޤިޔާމަތްދުވަހުން މީސްތަކުންގެ މައްޗަށް ހެކިބަސްދިނުމުގެ ޒިންމާ ޙަވާލުކުރައްވައިފައިވަނީ މި އުންމަތާއެވެ. މުޅި އިންސާނީ ނައުޢަށް މަގުދެއްކުމުގެ މަސްއޫލިއްޔަތުވެސް ޙަވާލުކުރައްވައިފައިވަނީ މި އުންމަތާއެވެ. ބަނީ އިސްރާއީލް ވަނީ އެކަންކަމުން ޢަޒުލު ކުރައްވައިފައެވެ.

އެކަން ބަޔާންކުރެއްވި އާޔަތުގެ މާނައިގައިވަނީ މިދަންނަވާ ފަދައިންނެވެ.

"އަދި ހަމައެފަދައިން، މެދުމިން އުންމަތެއްކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތްދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ." (الــبـقــــــرة: 143)

މުސްލިމުން މަދީނާއަށް ހިޖުރަކުރިފަހުންވެސް ސޯޅަ ނުވަތަ ސަތާރަ މަސްދުވަސް ވަންދެންވަނީ ބައިތުލްމަޤްދިސަށް ކުރިމަތިލައިގެން ނަމާދުކޮށްފައެވެ. ހިޖުރައިން ދެވަނަ އަހަރުގެ ރަޖަބުމަހު ނުވަތަ ޝަޢުބާންމަހުގެ ހާދިސާއެކެވެ. إبـــن ســعـــد ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު بشــــربـــن بـــــرّاء بـــن مـعـــــــرور އެރުއްވި ގޮވައިލެއްވުމަކަށް ވަޑައިގެންނެވިއެވެ. އެގޭގައި އުޅުއްވަނިކޮށް މެންދުރުވަގުތު ވެއްޖެއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޞަޙާބީންނާއެކު އިމާމުވެވަޑައިގެން ނަމާދުކުރައްވާން ތެދުވެވަޑައިގެންފިއެވެ. ދެ ރަކްޢަތް ކުރެއްވިއްޖެއެވެ. ތިންވަނަ ރަކްޢަތުގެ ޤިޔާމުގައި ހުންނަވަނިކޮށް ވަޙީ ލިބިވަޑައިގެންފިއެވެ.

"ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނެ ޤިބްލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާހުށީމެވެ. ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: كــعـــبـــة اللّــــه ގެފުޅު) ދިމާޔަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރުއްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!" (الــبـقــــــرة: 144)

މާތް اللّــــه ގެ އަޅުތަކުންކުރެ އެކަލާނގެ އަމުރުފުޅުތަކަށް އެންމެ އަވަހަށް އެންމެބޮޑަށް ކިޔަމަންތެރިވެވަޑައިގަންނަވާ ސާހިބާއަށް އެ އަމުރުފުޅު ލިބިވަޑައިގެންނެވުމާއެކު ނަމާދުގެ ޙާލަތުގައި (ނަމާދަށް ހުންނަވައި) އެ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންފިއެވެ. އަރިހުގައި އިޤްތިދާވެވަޑައިގެން ތިއްބެވި ބޭކަލުންވެސް އައުޤިބުލަޔާ ދިމާޔަށް އެނބުރި ވަޑައިގެންފިއެވެ. ބައިތުލްމަޤްދިސް އޮންނަނީ މަދީނާގެ ސީދާ އުތުރުގައެވެ. މައްކާ އޮންނަނީ ސީދާ ދެކުނުގައެވެ. ނަމާދަށްފަހު މަދީނާގައްޔާއި މަދީނާގެ ވަށައިގެންހުރި އަވަށްއަވަށަށް ޤިބުލަ ބަދަލުވިކަން ޢާންމުކޮށް އިޢުލާންކުރައްވަން ގޮވައިލައްވާ ބޭކަލުން ފޮނުއްވިއެވެ.

بـــــرّاء بـــن غــازب رضـــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. އެއް ސަރަޙައްދަކަށް ގޮވައިލައްވާ ބޭކަލެއްގެ އަޑުފުޅު އިވުނީ ނަމާދަށްތިބި މީހުން ރުކޫޢުގައި ތިއްބައެވެ. އިޢުލާނުގެ އަޑުއިވުމާއެކު އެންމެން އަވަސްއަވަހަށް كــعـــبـــة އާ ދިމާޔަށް އެނބުރިގެންފޫއެވެ. أنــس بــــن مــالــك رضــى اللّـــه عـــنــــه ވިދާޅުވެފައިވެއެވެ. ބަނީ ސުލައިމުގެ މީހުންނަށް އެ އިޢުލާން އަޑުއިވުނީ ވިދިގެންއައި ދުވަހުގެ ފަތިސްނަމާދުގެ ވަގުތުގައެވެ. އޭރުވަނީ ފަތިސްނަމާދުގެ އެއް ރަކްޢަތް ކުރެވިފައެވެ. ނަމާދުކުރާ މީހުން ތިބީ ދެވަނަ ރަކްޢަތަށެވެ. އިޢުލާނުގެ އަޑުއިވުމާއެކު މިސްރާބު ބަދަލުކޮށްލިއެވެ. (ތަފުހީމުލްޤުރްއާން، ޖިލްދު: 1، ޞަފުޙާ: 121-119)

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ ޤިބްލަ ބަދަލުކުރެއްވުމާ ވިދިގެން ހަމަބުއްދިނުވާ މީހުންތައް ހަޅޭފަޅޭއްލަވާނެކަމާއި އަވާނިވާކުރާނެކަން ދުރާލައި މުސްލިމުންގެ ސަމާލުކަމަށް ގެންނަވައިފައެވެ. މި މޭރުމުން ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ.

"މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހުތިބި ޤިބުލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! މަޝްރިޤާއި މަޣުރިބު މިލްކުވެވޮޑިގެންވަނީ اللّــــه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ." (الــبـقــــــرة: 142)

އާދެ، ނުވިސްނޭ އަދި ޙަޤީޤަތް ނޭނގޭ މީހުން ހޯބޯލެވުމުގެ ޠޫފާނެއް އުފައްދައިލާނެއެވެ. މުސްލިމުން ޤިބުލަ ބަދަލުކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރާނެއެވެ. އަޖައިބުވެ އަންތަރީސްވާފަދަ ފިކުރީ ރައްދު ޢަމަލުތަކެއް ފާޅުކުރާނެއެވެ. ގުޅުންތަކަށްވެސް ވަރަށްބޮޑަށް އަސަރު ފޯރާނެއެވެ. އަންނާންއޮތް ޕްރޮޕެގެންޑާގެ ދުވަސްވަރު މުސްލިމުން ވަރުގަދަ މައުޤިފެއްގައި ސާބިތުކުރެއްވުމަށްޓަކައި ކީރިތި ޤުރްއާނުގައި ވަނީ ޤިބުލަ ބަދަލުކުރެއްވުމުގެ މައުނަވިއްޔަތު މުސްލިމުންނަށް ވިސްނައިދެއްވައިފައެވެ. މުސްލިމުންނަށް އަންގަވައިފައިވަނީ މައްކީ ދައުރުގައި ބައިތުލްމަޤްދިސް ޤިބުލައެއް ކަމުގައި ލެއްވީ ޢަރަބިއްޔަތުގެ ބުދު މުގުރައިލެއްވުމަށްޓަކައިކަމެވެ. އެހެނީ ޢަރަބީންނަކީ އެބައިމީހުންގެ ޤައުމީ ދާއިރާގެ ބޭރުން އެއްވެސްކަމަކަށް ޤަދަރުކުރާން ތައްޔާރަށްތިބޭ ބައެއް ނޫނެވެ.

ބައިތުލްމަޤްދިސުގެ ބަދަލުގައި كــعـــبـــة اللّــــه އަށް ކުރިމަތިލާގޮތަށް ހަމަޖެއްސެވީ އިސްރާއީލިއްޔަތުގެ ބުދުވެސް މުގުރައިލެއްވުމަށްޓަކައެވެ. މީގެކުރީންވަނީ ޢަރަބިއްޔަތަށް އަޅުކަންކުރާ މީހުންގެ އަޑު ކަނޑުއްވާލައްވައިފައެވެ. މިފަހަރު ކަނޑުއްވައިލެއްވީ އިސްރާއީލުގެ ގީފަތިގޮވާ މީހުންގެ އަޑެވެ. މިގޮތުން ނިފާޤުގެ ކޭތައިގެ ކަޅު ހިޔަނީން އައު އިސްލާމީ މުޖްތަމަޢުވަނީ ސަލާމަތްވެފައެވެ. މިހާރު މައިދާނުގައި ތިއްބެވީ ޙަޤީޤީ އިޙްތިރާމާއި އަހައި ކިޔަމަންވުމުގެ ޙައްޤުވެރި ފަރާތަކީ މާތް اللّــــه އާއި އެކަލާނގެ ރަސޫލާކަމާއި އިސްތަށިފުޅު ލަންބަވާންވީ މާތް اللّــــه ގެ އަމުރުފުޅަށްކަން ޤަބޫލުކުރައްވާ ބޭކަލުންނެވެ. ތަބާވެވަޑައިގަންނަވާންވީ އެކަލާނގެ ރަސޫލާގެ ސުންނަތަށްކަން އެނގިވަޑައިގަންނަވާ އަދި އެކަން ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. އިސްލާމީ ތަޙްރީކު އޭރު ކުރިޔަށްދިޔަ މަރުޙަލާގައި ބޭނުންވަނީ މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދާވަނިކޮޅުގައި ފުރިހަމަ އިޢުތިމާދާއެކު ހިފަހައްޓަވައިގެން ތިއްބަވައި ކުރިޔަށް ހިންގަވަމުން ވަޑައިގަންނަވާ ބޭކަލުންނާ އުސޫލެއްގައި ނުހިފަހައްޓާ އެހެނިހެން މީހުނާ ވަކިކުރެވިފައެވެ. اللّــــه ގެ ރަސޫލާގެ އަރިހުގައި މިހާރު ތިއްބެވި ބޭކަލުން ދެނެވަޑައިގަންނަވައެވެ. މަޝްރިޤާއި މަޣުރިބު މިލްކުވެވޮޑިގެންވަނީ މާތް اللّــــه އަށެވެ. އަސްލު މަޤްޞަދަކީ އިރުމައްޗަށް ނުވަތަ ހުޅަނގަށް ކުރިމަތިލުމެއް ނޫނެވެ. ހެޔޮކަމުގެ ރޫޙަކީ މާތް اللّــــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމެވެ.

މާތް اللّــــه ގެ ރަސޫލާގެ އަރިހުގައި މިހާރު ސާބިތުވެ ތިއްބެވި ބޭކަލުން ދެނެވަޑައިގަންނަވައެވެ. ދީނުގެ އަސްލު ދާއިރާއަކީ މާތް اللّــــه އަށް އީމާންވެވަޑައިގެންނެވުމެވެ. އާޚިރަތްދުވަހަށާއި މާތް اللّــــه ގެ މަލާއިކަތުންނަށް އީމާންވެވަޑައިގެންނެވުމެވެ. މާތް اللّــــه ބާވައިލެއްވި ފޮތްތަކަށާއި އެކަލާނގެ ފޮނުއްވި ނަބީބޭކަލުންނަށް އީމާންވެވަޑައިގެންނެވުމެވެ. މާތް اللّــــه ގެ މަގުގައި ހޭދަކުރެއްވުމެވެ. ޤިބްލައިގެ ބޭރުފުށުގެ ޝިޢާރު ޤާއިމުކުރެއްވުމުގެގޮތުން ކުރައްވާންވީ ކަމަކީ ހެޔޮކަންކަމަށް އަވަސްވެވަޑައިގެންނެވުމެވެ. އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކިތަންމެ އާދަޔާ ޚިލާފު އިންޤިލާބީ އަމުރުފުޅެއް ލިބިވަޑައިގެންނެވިކަމުގައިވިޔަސް ފަސްޖެހިވަޑައިގަތުމެއްނެތި ކިޔަމަންވެވަޑައިގެންނެވުމެވެ. އެހެން އެއްވެސް ފަރާތަކަށް ބިރުފުޅުގެންވަޑައިނުގެން މާތް اللّــــه އަށް އެކަނި ބިރުފުޅުގެން ވަޑައިގަތުމެވެ.

ކާއިނާތުގެ ޚާލިޤުގެ ފުރަމާނަ އަމުރުފުޅު އައުމާއެކު އެބޭކަލުން ވިދާޅުވާންޖެހެނީ މިދަންނަވާ ފަދައިންނެވެ. ޝައްކެއްނެތެވެ. އީމާންކަމާއި ޔަޤީންކަމުގެ އަހުލުވެރީން ފިޔަވައި އެހެންމީހުންނަށް އެ އަމުރުފުޅަށް ބޯލެނބުންވާނީ ބުރަކަމެއް ކަމުގައެވެ. އީމާންކަމުގެ އަހުލުވެރީން ފިޔަވައި އެހެންމީހުނަށް އެ އަމުރުފުޅުގެ އަޑުއިވޭއިރަށް ހަޅޭފަޅޭލަވާން ފަށާނެއެވެ. މަގުތަކާއި ގޯޅިގޯޅީގައި ހޯބޯލަވާނެއެވެ. އީމާންކަން ބަލިކަށި މީހުންވެސް ބޯއަނބުރައިގަންނާނެއެވެ. ޤިބްލަ ބަދަލުކުރެއްވުމުގެ އަމުރުފުޅު އައުމާއެކު ކަންވެފައިވަނީ އެގޮތަށެވެ.

(ނުނިމޭ