އިއްޔެ ފެށި ގައުމީ އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް ހަސަން ސާއިދާއި އަހުނާ ނިޒާރު ހޯދައިފިއެވެ.
އިއްޔެ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގައި ގިނަ ކްލަބުތަކަކުން 200 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެއެވެ. އިއްޔެ އެންމެ ވަރުގަދަ އިވެންޓެއްގެ ގޮތުގައި 100 މީޓަރުގެ ފައިނަލް ރޭސްތައް ފެނިގެން ގޮސްފައިވާ އިރު، ސިފައިން ކްލަބުގެ ސާއިދު ފިރިހެން ރަން މެޑަލް ހޯދީ 10.88 ސިކުންތުންނެވެ.
އެ އިވެންޓްގެ ދެވަނަ ހޯދީ އަހުމަދު ނަޖުދާން އަބްދުﷲ އެވެ. ޓައިމިންއަކީ 11.12 ސިކުންތެވެ. އޭނާގެ ފަހަތުން ތިންވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އިބްރާހިމް ނާހިލް ނިޒާރު ރޭސް ނިންމީވެސް ހަމަ 11.12 ސިކުންތުންނެވެ. ނާހިލަށް ތިންވަނަ ލިބުނީ ފޮޓޯ ފިނިޝްއަށް ބަލައިގެންނެވެ.
ސަތޭކަ މީޓަރު ދުވުމުގެ އަންހެން އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރެވެ. 12.77 ސިކުންތުން އަހުނާ ރޭސް ނިންމި އިރު، ދެވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އާމިނަތު ޒައިން ޒަފަރުގެ ޓައިމިންއަކީ 13.15 ސިކުންތެވެ. ތިންވަނައަށް ދިޔައީ 13.40 ސިކުންތުން ރޭސް ނިންމި އައިޝަތު ޝައިމް އަޒީޒެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ފިރިހެން އިވެންޓް ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ފަޒީލް ހާރޫން ހޯދީ 15 މިނެޓު 50.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުގެ އަންހެން އެއްވަނަ ހޯދީ 22 މިނެޓު 23.49 ސިކުންތުން ރޭސް ނިންމި އެލީޓް ރަނާސް މޯލްޑިވްސްގެ ނިޒްމީނާ އަހުމަދެވެ.
ފީލްޑް ތިން އިވެންޓަކުން ދިވެހި ސިފައިންގެ ކުލަބުގެ ސުޒޭނު މުހައްމަދު ވިދާލި އިރު، އޭނާ ވަނީ ދެ އިވެންޓެއްގެ އެއްވަނަ ހޯދައިފައެވެ. ހައި ޖަމްޕްގެ އެއްވަނަ ސުޒޭނު ހޯދީ 1.70 މީޓަރު އުހަށް ފުންމައިގެންނެވެ. އޭގެ އިތުރުން ޖުވެލިން ތުރޯއިން ސުޒޭނު އެއްވަނަ ހޯދި އިރު، އޭނާ އެއްވަނަ ހޯދީ 40.01 މީޓަރު ދުރަށް އެއްލައިގެންނެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް