ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ބޯޑު އަލުން އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑުން ބައެއް މެންބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ޕޮލިސް ބޯޑަށް އަލަށް އައްޔަނުކުރައްވާފައިވަނީ ހަތަރު ބޭފުޅުންނެވެ. އެއީ؛

  • ރައީސްގެ މެމްބަރުގެ ގޮތުގައި ތ. ހިރިލަންދޫ، ގުލްފާމްގެ، އަހުމަދު ޝަރީފު
  • ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު، ދަފްތަރު ނަމްބަރު 535، އަލީ ނަސީރު ގާސިމް
  • ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު، ސ. މަރަދޫފޭދޫ، ބަގީޗާގެ، އަހުމަދު އަޒީމް
  • ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު، ހއ. ހޯރަފުށި، އަލިމަސްގެ، އަހުމަދު ސައުދީ

ޕޮލިސް ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކުރެއްވި އިރު، އެ ބޯޑުގައި ދެން ތިއްބަވަނީ، ހ. ނޫމުތި، އައިޝަތު ނޫރާ މުހައްމަދާއި އާންމުކޮށް ހުޅުވާލައިގެން އާންމުންގެ ތެރެއިން ކުރިމަތިލެއްވި ހ. ޝޭޑީކޯނާ ހާމިދު އަބްދުލްޣަފޫރު އަދި ސ. ހުޅުދޫ، ދެތަނޑިމާގެ، ސަފާ ޝަރީފެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަން ޖެހޭ ބޯޑެކެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި، އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.