ކުރީގެ ސަރުކާރުން އޮތީ ދައުރު ހަމަވުމުގެ އެއް ދުވަސް ކުރިން އެފްކޮންސްއާއެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މިހާރު ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 30 ސެޕްޓެމްބަރު 2026 ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުން އެފްކޮންސްއާއެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އެގްރީމެންޓުގެ މުއްދަތަށް ބުރިޖުގެ މަސައްކަތް ނުނިމޭނެތީ، މަސައްކަތް ލަސްވުމުން ކޮންޓުރެކްޓަރު ބޮޑު އަދަދަކުން ޖޫރިމަނާ ވާނެތީ ކަމަށެވެ.
"16 ނޮވެމްބަރު 2023 ގައި ސަޕްލިމެންޓަރީ އެގްރީމެންޓެއްގައި ސޮއިކޮށްފައި މިއޮތީ. އެއީ އާ ސަރުކާރު ހަވާލުވުމުގެ ކުރިން. އެ އެގުރީމަންޓުގައި ވާގޮތުން މިހާރު މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 30 ސެޕްޓެމްބަރު، 2026،" މުއްތަލިބު ވިދާޅުވިއެވެ.
އެ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްވަސްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސައްކަތް ނިންމާ މުއްދަތު އިތުރުވި ނަމަވެސް ޕްރޮޖެކްޓަށް ފައިސާ އިތުރަށް ހަރަދު ނުވާނެ ކަމަށެވެ. އަދި ކުރިން ލަފާކުރި ގޮތާ ހިލާފަށް މަސައްކަތް ކުރިއަށްދާނީ ލަސް ސްޕީޑެއްގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މަސައްކަތްތައް އަވަސްކުރަން، މިހާރު މި އޮތް ޝެޑިއުލްއިން ކައްސާނުލައި މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު