ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މިއަދު ހަވީރު ރައީސް މުއިއްޒު ތިލަމާލެ ބްރިޖު، މާލެއާ ގުޅޭ ސަރަހައްދާއި ގުޅިފަޅަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އިރު ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކެބިނެޓުގެ ގިނަ މިނިސްޓަރުން ވަޑައިގެންނެވިއެވެ.
އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ބްރިޖު މާލެއާ ގުޅޭ ސަރަހައްދު ބައްލަވައިލެއްވުމަށެވެ. އެ ސައިޓުގައި ހަދާފައިވާ ރޭމްޕުގެ މަސައްކަތް ބައްލަވައިލެއްވުމަށް ފަހު، މާލެ އާއި ވިލިނގިއްޔާ ދެމެދުގައި ބްރިޖު ގުޅުވުމަށް ހަދާފައިވައި ޕްލެޓްފޯލްތައްވެސް ބައްލަވާލެއްވިއެވެ. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ.
އޭގެފަހުން، ރައީސް ވަޑައިގެންނެވީ ގުޅިފަޅު ސައިޓު ބައްލަވައިލެއްވުމަށެވެ. އެ ތަނަށް ވަޑައިގެން ރައީސް ވަނީ އެތަނުގައި ކުރިއަށް ގެންދާ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފައެވެ.
ތިލަމާލޭ ބްރިޖު މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއްޓެވި އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއެވެ. ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅުވާލުމަށް ހަދަމުންދާ ބުރިޖެކެވެ. އެ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
ބްރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ސަބަބު ހޯއްދަވައި ބުރިޖުގެ މަޝްރޫއު އަވަސް ސްޕީޑެއްގައި ކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިންވެސް ވިދާޅުވެފައިވާ އިރު، އެ މަޝްރުއުގެ މަސައްކަތުގެ ހާލަތު ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރެއްވުމަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު