އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަށް ކަނޑައަޅާފައިވާ ބަޖެޓަށް 15 މިލިޔަން ރުފިޔާ އިތުރު ކޮށްދޭން އެ ޔުނިވަސީޓީން އެދިއްޖެއެވެ.
އައިޔޫއެމް އިން މިގޮތަށް ހުށަހަޅާފައި ވަނީ އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.
އަންނަ އަހަރަށް އައިޔޫއެމްއަށް ކަނޑައަޅާފައިވާ ބަޖެޓާބެހޭގޮތުން ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ވައިސް ޗާންސެލާ މާހިދު ޝަރީފް ވިދާޅުވީ، މިއަހަރަށްވުރެން އިތުރަށް 8 މިލިޔަން ރުފިޔާ އިތުރުކޮށް ޖުމުލަ 60 މިލިޔަން ރުފިޔާ އަންނަ އަހަރަށް ކަނޑައަޅާފައިވާ ކަމަށް ބަޖެޓުން ފެނުނު ނަމަވެސް އެއީ މުސާރައަށް އައި ކުރިއެރުމާ ގުޅިގެން އިތުރުވެފައިވާ ބައެއް ކަމަށެވެ.
އެހެންކަމުން ޔުނިވަސިޓީ އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ ކަންތައްތަކަށް އިތުރު ފައިސާ ބަޖެޓަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ކަނޑައަޅާފައިވާ 60 މިލިޔަން ރުފިޔާގެ ތެރެއިން 57 މިލިޔަން ރުފިޔާ އެބަދޭ މުސާރަ އާއި ޔުޓިލިޓީސް އާއި ކޮމިޓްމެންޓަތަކާއެކު، އެހެންވީމަ ގާތްގަނޑަކަށް ކެޕިޓަލް ނޫނީ އިންވެސްޓްމެންޓަށް އަޅުގަނޑުމެންނަށް މި ލިބެނީ ދެ މިލިޔަނެއްހާ ރުފިޔާ،"
މާހިދު ވިދާޅުވީ، ނިއުޕޮލިސީ އިނީޝިއޭޓްތަކެއްވެސް އައިޔޫއެމްއިން އަންނަ އަހަރަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެތަނުގެ އެންމެ އައިކޯނިކް ބިލްޑިންގް ހެދުމަށް ފަސް މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޔުނިވަސީޓީ ފުޅާކޮށް ދަރިވަރުން އިތުރުކުރުމަށާއި، ރިސާޗުތަކަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބަޖެޓްގައި އައިޔޫއެމްއަށް ކަނޑައަޅާފައިވާ އަދަދާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި މާހިދު ވިދާޅުވީ، އެ ބޭފުޅުން އެދިވަޑައިގަންނަވަނީ، ބަޖެޓަށް އިތުރު ކުރުމަށް އައިޔޫއެމްއިން ހުށަހަޅާފައިވާ ކަންތައްތައް ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު، ޔުނިވަސިޓީ އިތުރު ހަރުފަތަކަށް ކުރިއަށް ގެންދެވޭނެ ގޮތަށް ބަޖެޓްގެ ކަންތައްތައް ހަމަޖައްސައިދެއްވުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު