މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

މި މަހު 30 އިން ފެށިގެން އަންނަ މަހު 12ގެ ނިޔަލަށް ބާއްވާ މި އަހަރުގެ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަންނަވާކަން ރައީސް އިއުލާން ކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައެވެ.

ހަފުލާގައި ރައީސް ވިދާޅުވީ މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމަށެވެ.

އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކޮޕް-28ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖޭން ޔޫއޭއީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.