(17 ނޮވެމްބަރުގެ އަދަދާ ގުޅޭ)

"އެކަމަކު އޭ محـمّــد އެވެ. (صـلّـــــى اللّــــه عــلـيــــه وسـلّـــــم) جــبـــــريـــل އަކީ އަޅުގަނޑުމެންގެ ދުޝްމިނެކެވެ. އެކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ވަޑައިގަންނަވަނީ އަޅުގަނޑުމެންގެ މައްޗަށް މުސީބަތާއި ލޭއޮހޮރުވުމާއިގެންނެވެ. އެ މަލާއިކަތާގެ ދުޝްމިނުކަން މިދެމެދަށް ހުރަސްނޭޅިނަމަ އަޅުގަޑުމެން ކަލޭގެފާނާ ބައިވެރިވީމުސްކަން ކަށަވަރެވެ. ކަލޭގެފާނުގެ ފަހަތްޕުޅުން ކަލޭގެފާނުގެ ފައިތިލަފުޅުގެ ނިޝާން ބަލަމުން ހިނގީމުސްކަން ކަށަވަރެވެ." އާދެ، "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދަޢުވަތަކީ ރަނގަޅު ދަޢުވަތެކެވެ. އެމާތް ސާހިބާ ގެންނަވަނީ ތެދުވެރި މެސެޖެކެވެ. އިސްލާމީ ތަޙްރީކުވެސް ބަރާބަރެވެ. އެކަމަކު މިދެމެދަށް މެދުވެރިކުރައްވައިފައިވާ މަލާއިކަތާ ޔަހޫދީންނަށް ކަމުނުދިޔައީއެވެ. އެހެންކަމުން އެ މަލާއިކަތާ ބައިވެރިވެވަޑައިގަންނަވާ ބަޔަކާ ޔަހޫދީންނަށް ބައިވެރިވެވޭން ނެތީއެވެ."

އިންސާނިއްޔަތުގެ މުހުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ މިވާހަކަތަކަށް ޖަވާބުދެއްވީ قــــران كـــــريـــــم ގެ ލަފުޒުތަކުންނެވެ. ވިދާޅުވެދެއްވި ދެ އާޔަތުގެ މާނައަކީ:

"ކަލޭގެފާނު ވިދާޅުވާށެވެ! جــبـــــريـــل ގެފާނަށް ޢަދާވަތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) އޭގެކުރީން ބާވައިލެއްވި ފޮތްތައް ތެދުކުރާ ޙާލުގައި އަދި މުއުމިންތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއްކަމުގައި اللّــــه ގެ އިޒުނަފުޅަށް ކަލޭގެފާނުގެ ހިތްޕުޅުމައްޗަށް އެ (قــــران) ގެނެސްދެއްވީ، ފަހެ، ހަމަކަށަވަރުން އެކަލޭގެފާނެވެ. (އެބަހީ: جــبـــــريـــل ގެފާނެވެ.) اللّــــه އާއި، އެކަލާނގެ މަލާއިކަތުންނާއި، جــبـــــريـــل ގެފާނާއި مـيـكــائـيــــل ގެފާނަށް ޢަދާވަތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللّــــه އީ ކާފަރުންނާ ދުޝްމިނުވެވޮޑިގެންވާ ރަސްކަލާނގެއެވެ." (الــبـقــــــرة: 98، 97)

އެދުވަސްވަރު ޔަހޫދީން އެހެން ބަހުސެއްވެސް ހުޅުވައިލިއެވެ. ސަބަބަކަށްވީ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަސްވަރު ދެއްކެވި ދީނީ ވާހަކަފުޅެއްގައި އިސްރާއީލުބާގައިގެ ނަބީބޭކަލުންނާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމެވެ. ســليمــان عـلــيـــه الـسّــــلام އަކީ ނަބީބޭކަލެއްކަމުގައި ވިދާޅުވުމެވެ. އެވާހަކަފުޅުގެ އަޑު ޔަހޫދީންގެ މަޖްލިސްތަކުގައި ވަރަށް ބާރުވިއެވެ. ޔަހޫދީ ޙިބްރުން ބުންޏެވެ. "محـمّــد ގެފާނު (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަނެއްކާވެސް އާދަޔާ ޚިލާފު ވާހަކަފުޅެއް ދައްކަވައިފިއެވެ. ســليمـــان بــــن داؤد އަކީވެސް ނަބީބޭކަލެކޯލައެވެ. މާތްކަލާނގެ ގަންދެމުއެވެ. އެކަލޭގެފާނަކީ ހަމައެކަނި ސިހުރުވެރިޔެކެވެ. (نــعـــــوذ بــالـلّـــه)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ މިވާހަކަތަކަށްވެސް ޖަވާބުދެއްވީ ކީރިތި ޤުރްއާނުންނެވެ. ވިދާޅުވެދެއްވި އާޔަތުގެ މާނައިގައިވެއެވެ.

"ســليمــان ގެފާނު ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ." (الــبـقــــــرة: 102)

އިސްލާމީ ތަޙްރީކުގެ ކުރީކޮޅުގައިވަނީ މުސްލިމުންގެ އަލަށް އުފެދެމުންއައި ތާރީޚީ ބާރު މަޑުމަޑުންގޮސް ދާދިފަސޭހައިން އަތްދަށުލެވިދާނެކަމަށް ޔަހޫދީން ހީކުރިއެވެ. ޔަހޫދީންނަށް އެހެން ހީވާކަހަލަ ބައެއް ނުކުތާތައް އެބައިމީހުނަށް ވަނީ ފާހަގަކުރެވިފައެވެ. ބަނީ އިސްރާއީލަށް އެހައިތަނަށް ދެއްވައިފައިވާ ޢާލަމީ މާތްކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރައްވައިފައެވެ. އެބައިމީހުންގެ ނަބީބޭކަލުންނަކީ ނަބީބޭކަލުންކަން ވަނީ ތަޞްދީޤު ކުރައްވައިފައެވެ. އެބައިމީހުން ގެންގުޅޭ ފޮތްތަކަކީ ބާވައިލެއްވި ފޮތްތަކެއް ކަމުގައިވަނީ ހެކިދެއްވައިފައެވެ. ދީނުގެ އަސާސީ ޙަޤީޤަތް ފާޅުކުރައްވައިފައިވަނީ "އޭ ފޮތުގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުނާ އަހަރެމެންނާ ދެމެދު ހަމަހަމަވެގެންވާ ކަލިމަޔަކަށް އަންނާށޭ" އެންގެވުމުގެ ރޫޙުގައެވެ. ކީރިތި ޤުރްއާނުގައި ވަކިގޮތެއް އަންގަވައިފައިނުވާ ކަންކަމުގައި މުޝްރިކުންގެ ހޭޑިފޭޑީގެ ބަދަލުގައި މުސްލިމުން ޚިޔާރުކުރަމުން އަންނަނީ އަހުލުކިތާބީންގެ ގޮތެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ މުޝްރިކުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ރޮނގުރޮނގަށް މަގުހަދައެވެ. ޔަހޫދީން އެކަމެއް ނުކުރެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް އެކަމެއް ނުކުރައްވައެވެ. މަދީނާގެ ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް ޢާޝޫރާ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. މުސްލިމުންނަށް ރޯދަހިފާން އިރުޝާދު ދެއްވިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީން ޔަހޫދީއެއްގެ ޖަނާޒާ ގެންދެވޭކަމުގައިވާނަމަ އިތުރު ސާހިބާ ތެދުވެވަޑައިގަންނަވައެވެ. އިންސާނީ އިޙްތިރާމުގެ ގޮތުންނެވެ. އެންމެ މުހިންމު ކަމެއްގެގޮތުން މުސްލިމުންގެވެސް ނަމާދުގައި ކުރިމަތިލާ ޤިބްލަޔަކީ ބައިތުލްމަޤްދިސެވެ. މިކަންކަމުން އެނގެނީ އިސްލާމީ ތަޙްރީކު މުޝްރިކުންނަށްވުރެ ކައިރީ އަހްލުކިތާބީންނާކަމެވެ. ޙަޤީޤަތަށް ދަންނަވާނަމަ مـــوســى عــلـيــــه الـسّــلام ގެ ދީނަކީ އިސްލާމްދީނެވެ. ޔަހޫދީންގެ އަމިއްލަ އެދުމުން ފުރިފައިތިބޭ މައުލަވީން އިލާހީ ދީނެއްގެ އޮނިގަނޑު އަގަޑުބަގުޑުކޮށް ހަލާކުކުރީއެވެ. ރޫޙެއްނެތް ކޮޑިގަނޑަކަށް ހަދައިފައިވަނީއެވެ. ހުރިހައި ނަބީބޭކަލުންވެސް ޝަރީޢަތުގެ ކުދިކުދި ފަރަގުތަކާއެކު ހުށަހެޅުއްވީ އިސްލާމްދީނެކެވެ. محـمّــد صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް ދުނިޔޭގެ ކުރިމައްޗަށް ހުށަހެޅުއްވީ އެދީނެވެ. ނިޒާމެއްގެ ސިފައިގައި ޤާއިމުކުރެއްވީ އެދީނެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް މިސަބަބުތަކާހުރެ ވިސްނައިވަޑައިގެން ހުންނެވީ ޔަހޫދީންނަށް އިސްލާމީ ނިޒާމު ވިސްނެމުންދާ ވަރަކަށް އެބައިމީހުން މިދީނަށް މަރްޙަބާކިޔާނެ ކަމުގައެވެ. މިދީނުގެ މުހިންމަތަކީ އެބައިމީހުންވެސް އަމިއްލަ މުހިންމަތެއްކަމުގައި ދެކޭނެކަމުގައެވެ. މާތް اللّــــه ގެ އިސްމުފުޅު މަތިވެރިކުރުމުގެ ދިދަ އުފުލެމުން ދިޔުމަކީ ޔަހޫދީންވެސް އުފާވާނެ ކަމެއްކަމުގައެވެ. ހުރިހައި ނަބީބޭކަލުން އިރްޝާދު ދެއްވައިފައިވާ އަޚްލާޤީ ނިޒާމު ޤާއިމުވާތަން ފެނުމަކީ ޔަހޫދީންގެ ހިތްތަކަށް ލިބޭ ފިނިކަމެއް ކަމުގައިވާނޭ ކަމުގައެވެ. ތައުރާތުގައިވާ ޝަރީޢަތުގެ ނިވިފައިވާ ބައްތި އަލުން ކަނިކަނޑައި ދިއްލާތަން ފެނުމުން ޔަހޫދީންގެ ހިތްހަށި ހަމަވާނެކަމުގައެވެ. ކީރިތި ޤުރްއާނުގެ ދަޢުވަތު ހުށަހެޅެމުންދިޔައީ އެ އުންމީދީ ފަޒާގައެވެ. އެހެނީ އަސްލު މަޤްޞަދަކީ ގުރޫޕުތަކެއް އުފެދެމުން ދިޔުމެއް ނޫނެވެ. އުސޫލަކަކަށް ޢަމަލު ކުރެވުމެވެ. ޔަހޫދީންނާއި، ނަޞާރާއިންނާއި ޞާބިއީންނާއި ޚުދު މުސްލިމުންގެ ކިބައިންވެސް އެދެވިގެންވާކަމަކީ މާތް اللّــــه ގެ ރަސްކަންފުޅަށާއި އެކަލާނގެ ޤާނޫނުތަކަށް ޢަމަލުކުރުމެވެ. ނަބީބޭކަލުންގެ ދަޢުވަތު ޤަބޫލުކުރުމެވެ. އާޚިރަތްދުވަހުގެ ހިސާބު ބެއްލެވުމާއި ޖަޒާއާއި ސަޒާއަށް އީމާންވުމެވެ. ތިމާމެންގެ ޙަޔާތުގެ މޮޓޯއަކީ ޞާލިޙު ޢަމަލުކަމުގައި ހެދުމެވެ. ޙަޤީޤަތުގައި ބޭނުންވަނީ ނަމެއް ނޫނެވެ. ކަމެވެ. ބޭނުންވަނީ ވަގު ލާރިޔެއް ނޫނެވެ. ޚާލިޞް ފައިސާއެވެ. ބޭނުމީ ނަސަބެއް ނޫނެވެ. ރީތި ސީރަތެވެ. ބޭނުންވަކީ ވަކި ވިއްޔެއްގެ ނުވަތަ ވަކި ފަންވަތެއްގެ ލާބައާއި މަންފާއެއް ނޫނެވެ. މުޅި އިންސާނިއްޔަތާ ގުޅިފައިވާ ހެވާއި ލާބައެވެ.

އެކަމަކު ޔަހޫދީންގެ ކިބަޔަކުން އިސްލާމީ ތަޙްރީކުގެ މުރާދު ޙާޞިލެއް ނުވެއެވެ. ހަމައެފަދައިން އިސްލާމީ ތަޙްރީކުވެސް ޔަހޫދީން ބޭނުންވާ ބައްޓަމަކަށް ނުފެއްތެއެވެ. ކުއްލިޔަކަށް ޔަހޫދީންނަށް ފެނުނީ އިސްލާމީ ތަޙްރީކު އިންޤިލާބީ ގޯޅިޔަކަށް އަނބުރައިލި ތަނެވެ. އެހެން ގޯޅިޔެއް އެޅިތަނެވެ. މިދެންނެވި އެހެން މަގަކަށް އަނބުރައިލުމަކީ ނުވަތަ ގޯޅި އެޅުމަކީ ޤިބުލަ ބަދަލުކުރުމެވެ. އިސްލާމީ ތަޙްރީކުގެ އަސާސީ ޠަބީޢަތަކީ ކޮންމެ ދައުރެއްގައިވެސް އެ ތަޙްރީކުގެ އިމްތިޔާޒީ ވުޖޫދެއް ދެމެހެއްޓުމެވެ. އެ ތަޙްރީކުގެ މެންބަރުންގެ ކިބައިގައި އުސޫލީ އަދި އިޢުތިޤާދީ އަމިއްލަވަންތަކަމެއް އާލާކޮށް ދިރުވައި ދެމެހެއްޓުމެވެ. މުސްލިމުން މައްކާގައި ތިބިއިރު މިދެންނެވި އަމިއްލަވަންތަކަމާއި މުޝްރިކުންނާ ތަފާތުވުމުގެ ބޭނުމުގައި ނަމާދުގައި ކުރިމަތިލި ޤިބްލައަކީ ބައިތުލްމަޤްދިސެވެ. އިސްލާމީ ނަޒަރިއްޔާ ނަގަހައްޓާ ޖަމާޢަތުގައި އެބައިމީހުންނަކީ ވަކިބައެއްކަމުގެ އިޙްސާސާއި އަމިއްލަ ޝަޚްޞިއްޔަތު އާލާކޮށް ދެމެހެއްޓުމަށްޓަކައެވެ. އެކަމުގެ ސަބަބުން ޚުދު މުޝްރިކުންނަށްވެސް އޮތީ މުސްލިމުންނަކީ ތިމަންމެންނާ ތަފާތު މިސްރާބަކަށް ޙަރަކާތްތެރިވާ ބާރެއްކަން އެނގިފައެވެ. އެ ޝުޢޫރާއި އިޙްސާސު ފުރިހަމަވީކަން ފާޅުކުރައްވައިފައިވަނީ މާތް ޤުރްއާނުގެ އާޔަތެއްގައެވެ. ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަހަރެމެންނަށް އަހަރެމެންގެ ދީނޭ އަންގަވައި މުސްލިމުން ތަރުކާރުކޮށް އެ ސޫރަތް ކިޔަވާން ފެށުމުންނެވެ. (الـكــافـــــرون)

މުސްލިމުން މަދީނާއަށް އައުމަށްފަހުވެސް މުސްލިމުންގެ އަމިއްލަވަންތަކަމުގެ ޝުޢޫރު ދަމަހައްޓާން ބޭނުންވިއެވެ. އަހްލުކިތާބީންގެ ދިރުމެއްވެސް ރޫޙެއްވެސް ނެތް މަޒްހަބިއްޔަތާ އިސްލާމީ ތަޙްރީކާ ތަފާތުކަން ޢަމަލީގޮތުން ފާޅުކުރާން ބޭނުންވިއެވެ. އިސްލާމީ މުޖްތަމަޢު ޔަހޫދީ މުޢާޝިރާގެ ތެރެޔަށް ފިކުރީގޮތުން ފޭދިގެންދިޔަނުދީ ސަލާމަތްކުރުމަށްޓަކައެވެ. މައްކީ ދައުރުގައި މުސްލިމުން ބައިތުލްމަޤްދިސް ޤިބްލަޔަކަށްހެދި ބޭނުން މިހާރަކު އެގޮތަކަށެއް ނެތެވެ. މުސްލިމުންގެ ފިކުރީ ގުޅުން ޤާއިމުކުރާން މިހާރު ޖެހިފައިވަނީ ޚާލިޞް إبــــراهــيـــــمــى ދީނާއެވެ. إبــــراهــيـــــمــى ޤިބްލައާއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ إبــــراهــيـــــمــى ނަސްލުން އުދަވި އިރެކެވެ. އެ ޚާންދާނުގެ އައުދާނަ ދަރިކަލެކެވެ. އިސްލާމީ ތަޙްރީކުގެ އިސްސަފުގައި ފުރާނަފުޅުން ޤުރްބާންވެވަޑައިގަންނަވަމުން ގެންދަވާ އަބްޠާލުންނަކީ بــنـــو إسمــاعــيـــل ގެ ބޭކަލުންނެވެ. އެހެންކަމުން މައްކާގައި ކުރެވުނު އިމްތިޔާޒުގެ ވަގުތީ އިހްތިމާމަކީ މިހާރަކު ބޭނުންކަމެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަޤީޤަތް ދެނެވަޑައިގަންނަވާ ހިތްޕުޅުން ކުރީއްސުރެ އެކަމަށް އިންތިޒާރު ކުރައްވަމުން ގެންދެވީ އެހެންވެގެންނެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"އުޑާ ދިމާޔަށް މަތިބައްލަވައިގެން ހުންނަވައި ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ." (الــبـقــــــرة: 144)

(ނުނިމޭ)