ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެހެން އެދިވަޑައިގަތީ މިއަދު ހެނދުނު އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަމާޒުގައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، ރައީސް އޮފީހަކީ ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސް ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭން ޖެހޭ އިރުޝާދުތައް ދިނުމާއި ބަލަހައްްޓަން ޖެހޭ ބޮޑެތި ކަންކަން ބަލަހައްޓާ އޮފީހަކީ ރައީސް އޮފީސް ކަމަށާއި، ރައީސް އޮފީސް މަސައްކަތް ކުރަން ވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށް ރީތި މިސާލެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި ކަމަށް ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުއިއްޒު ވަނީ 22 މެންބަރުންގެ ކެބިނެޓެއް އެކުލަވައިލައްވައިފައެވެ. އެ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، ސަރުކާރުގެ އެހެން އިސް މަގާމުތަކަށް މީހުން އައްޔަނު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު