އެއްވެސް ކަމެއްކުރާން އައިސްތިބި އިންޑިއާ ބަޔަކު ފޮނުވައިލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެންބަރު ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަޖެޓަށް ބޭރުން ފައިސާ ހޯދަން ޖެހޭކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ބޭރުގެ ބަޖެޓެއް ކަމަށެވެ. އެހެންކަމުން ބަަޖެޓަށް 800 މިލިޔަން ޑޮލަރު ބޭރުން ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްްޖޭގެ ބަޖެޓު ހަަޖައްސަން ފައިސާ ދިނުމުގައި އަވަށްޓެރި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، އިންޑިއާއާ އޮތް ގުޅުން ކެނޑޭގޮތަށް ސަރުކާރުން މަސައްކަތް ކުރުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރަން އައިސް ތިބި އިންޑިއާ ބަޔަކު ބޭރުކޮށްލަން އުޅެގެން ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، "އަޅުގަނޑުމެން އިންޑިއާއާ އެކީގައި ތިބުމަކީ ވަރަށް ބޭނުންތެރިކަމެއް،" ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅުދައްކަވާފައިވާއިރު، މިހާރު އޮތް ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖޭން ފޮނުވައިލާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
މިދިޔަ ހުކުރު ދުވަހު ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު، އެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް ރައީސް މުއިއްޒު ވަނީ އިންޑިއާގެ މިނިސްޓާ އޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއަށް ދަންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ އިންތިހާބު ތެރޭގައި ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމަށް ފަހު ވެސް އެންމެ ބޮޑަށް ފާހަގަކުރައްވަމުން ގެންދެވި އެއް ކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ކަމަށާއި އެއީ ދިވެހި ރައްޔިތުން ވެސް އޮޅުންފިލުވަން ބޭނުންވި ކަމެއް ކަމަށެވެ.
މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، އިންޑިއާ ސިފައިންގެ 77 ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ އެބަ ތިބިކަމަށާއި، އޭގެތެރޭގައި އެއް ހެލިކޮޕްޓަރު ބެލެހެއްޓުމަށް ނުވަތަ ދުއްވަން 24 ސިފައިން، ޑޯނިއާ މަތިންދާބޯޓު ދުއްވަން 25 ސިފައިން އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވަން 26 ސިފައިން، އަދި މެއިންޓެނަންސް އާއި އިންޖިނިއަރިންގެ މަސައްކަތްތަކުގައި ބައިވެރިވެ އުޅޭ ދެ ސިފައިން އޭގެ ތެރޭގައި ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ، ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ނެތްކަން ޔަގީންކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށާއި، އެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު