ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއްގެ ގޮތުގައި ތަމްސީލު ކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ގެއްލިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އެންގެވި އެންގެވުމެއްގެ ގޮތުގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެމްއެންޕީގައި ހިމެނިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލިސް މެންބަރުކަމުން އިސްތިއުފާދެއްވުމާއި ގުޅިގެން މަޖިލީހުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު ދެއަކަށް ވެއްޓިފައިވާ ކަމަށެވެ.
އުޝާމް މަޖިލިސް މެންބަރުކަމުން އިސްތިއުފާދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ.
އުޝާމްގެ އިތުރުން އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މިހާތަނަށް މަޖިލީހުގައި ތިއްބެވީ އެ ޕާޓީގެ ލީޑަރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރުން އަބްދުﷲ ރިޔާޒެވެ. އުޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން ނާޒިމާއި ރިޔާޒު މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ އަމިއްލަ މެންބަރުންގެ ގޮތުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރަން ތިއްބަވާ މެންބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށްވުރެ ދަށް ވެއްޖެނަމަ ޕާޓީގެ ގޮތުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެއެވެ.
އެކަމާ ގުޅިގެން "މޯލްޑިވްސް ނެޝަނަލް ޕާޓީ މަޖިލީހުގައި ތަމްސީލުކުރުމަށް މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ)ގެ ދެވަނަ ނަންބަރުގެ ދަށުން ލިބުނު ހައިސިއްޔަތު އެ ޕާޓީއަށް ގެއްލިފައިވާތީ މަޖިލީހުގެ 33 ވަނަ މާއްދާގެ (ބ)ގެ ދަށުން އެކަން އިއުލާނުކުރަން،" އަސްލަމް ވިދާޅުވި އެވެ.
މި ބަދަލާއެކު، މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 56 މެމްބަރުންނެވެ. މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގައި 13 މެމްބަރުންނެވެ. ދެން މެންބަރުން ބެހިފައިވަނީ ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޕީއެންސީގެ ދެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ 4 މެމްބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު