ބޮޑު ޗުއްޓީ ޑިސެމްބަރަށް ފެތޭ ގޮތަށް، އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ތައުލީމީ ކަލަންޑަރަށް ބަދަލުތައް ގެންނާން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދާދި ދެންމެއަކު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ. މިނިސްޓަރު ޝަފީއު ވިދާޅުވީ މި ބަދަލު ގެންނަވާން މަސައްކަތްކުރައްވަނީ 2025 ވަނަ އަހަރުން ފެށިގެން ކަމަށާއި އެންމެ ލަސްވެގެން ވެސް 2026 ވަނަ އަހަރުން ފެށިގެން އެ ގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކުރީން އޮތް ގޮތަށް މި ބަދަލު ގެނައުމަކީ ރައީސް ޑރ. މުއިއްޒުގެ ވެސް ވައުދުފުޅެއް. މިހާރު ދިރާސީ އަހަރު މި އޮންނަ ގޮތަކީ ހަމަޖެހޭ ވެސް ގޮތެއް ނޫން. މި ބަދަލު ގެނައި މަގުސަދެއްވެސް ހާސިލެއް ނުވޭ. އަދި މި ގޮތަށް އޮތުމުން ތައުލީމީ ދާއިރާ ރަނގަޅަށް ކުރިޔަށް ގެންދިއުމަށް ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުދީންނާއި ޓީޗަރުން ތައުލީމީ ކަންކަމުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު ދެވޭ ޗުއްޓީއަކީ އެމީހުންގެ ސިކުނޑިތަކަށް ލުއިދީ، ދަތުރުފަތުރުކޮށް، ތާޒާވެލުމަށް ދެވޭ ވަގުތުކޮޅެއް ކަމަށެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ސްކޫލު ޗުއްޓީތައް ކަނޑައަޅާފައި ހުންނަނީ އެ ގައުމަކަށް އަންނަ ދަތުރުފަތުރު ކުރުމަށް އެންމެ ރަނގަޅު މޫސުމަށް ބަލައިގެން ކަމަށެވެ. ރާއްޖޭގައި މިހާރު ބޮޑު ޗުއްޓީ މި ދެނީ މޫސުން އެންމެ ގޯސް ދުވަސްވަރު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އިހުގެ މީހުން ރާއްޖޭގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ދިމާވާ ގޮތަށް ހަދާފައި އޮތީ ކަމެއް ނޭނގި ތިބެގެން ކަމަށް ދެކުމަކީ ގޯހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ބަޖެޓެވެ. ދިރާސީ އާ އަހަރު ފެށޭ ދުވަސްވަރާއި އާ ބަޖެޓަށް އަމަލުކުރާން ފަށާ ދުވަސްވަރާ ދިމާވުމަކީ ތައުލީމީ ދާއިރާއަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވި އެވެ.

"ދިރާސީ އާ އަހަރަކީ ދަރިވަރުންނަށް ޓަކައި އަޅުގަނޑުމެން ފުރިހަމަޔަށް ތައްޔާރުވާން ޖެހޭ ވަގުތު. އެކަމަށް ހަރަދުތަކެއް ކުރާން ޖެހޭ ވަގުތެއް. އެކަމަކު މިހާރު މި އޮންނަ ގޮތުން ދިރާސީ އަހަރު މިފެށެނީ ބަޖެޓު ހުސްވާ ދުވަސްކޮޅު. ބަޖެޓު ހުސްވެގެން ހަރަދުކުޑަކުރަން، ނޫނީ 15000 އަށްވުރެ މަތީން ހަރަދެއް ނުކުރަން ފިނޭންސް މިނިސްޓަރު އަންގަވާ ދުވަސްވަރު. ދެން އަޅުގަނޑުމެން ދަރިވަރުންނަށް ކަންކަން ފުރިހަމަކޮށްދޭނީ ކިހިނެއްތޯ؟" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.

ޝަފީއު ވިދާޅުވީ، މިހާރު އޮންނަ ގޮތަށް ބަދަލު ގެނައި އެއް ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަންގެ ދުވަސްވަރާ ދިމާކުރުން ކަމަށާއި އެއީ އެ ސިނާއަތުގައި އުޅޭ މުވައްޒަފުންނަށް ފަސޭހައިން ޗުއްޓީ ލިބި އާއިލާއާ އެކު ވަގުތު ހޭދަ ކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުން ދަރިވަރުންނަށް ވެސް ރަށަށް ނުދެވޭ ކަމަށާއި ރިސޯޓުގައި ތިބޭ މުވައްޒަފުންނަށް ވެސް ރައްކާތެރިކަމާ އެކު ދަތުރުފަތުރު ނުކުރެވޭ ކަމަށެވެ. އަދި ޗުއްޓީއަކަށް އެކަށޭނެ ރީތި މޫސުމެއްވެސް ނުލިބޭ ކަމަށެވެ. މި ސަރުކާރުން ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރިނަމަވެސް، ފަތުރުވެރިކަމުގެ އޮފް ސީޒަން ކަމަށް ކަމަށްވާ ޖޫން/ޖުލައިގެ ތެރެއަށް ޗުއްޓީއެއް ލިބޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި އެ ޗުއްޓީގެ ދިގުމުން މަދުވެގެން ތިން ހަފުތާއަށް ހައްދަވާނެ ކަމަށެވެ. އަމާޒަކީ އެ ޗުއްޓީވެސް ހަތަރު ހަފުތާއަށް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ ރަނގަޅު ތައުލީމީ ނިޒާމުތައް ހުރި ގިނަ ގައުމުތަކުގައި، ބަޖެޓާއި ދިރާސީ އަހަރުގެ ކިޔެވުން ފެށުން އެލައިން (ގުޅުވައިލާން) އިސްކަން ދޭ ކަމަށާއި އެއީ މުހިންމު ކަމެއް ކަމަށެވެ.

މިިނިސްޓަރު ވިދާޅުވީ މިހާރު މި އޮންނަ ގޮތަށް، ޖޫން ޖުލައިގެ ގަދައާއި ބަޖެޓާ ވެސް ގުޅުމެއް ނެތް ގޮތަށް، ބޮޑު ޗުއްޓީއާއި ދިރާސީ އަހަރު ބަދަލުކޮށްފައި މި ވަނީ ރަނގަޅު ދިރާސާތަކެއް ކުރެވިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ދިރާސާތަކެއްގެ މައުލޫމާތު އެނގިވަޑައިގެން އެއްވެސް ރައީސަކު މި ފަދަ ބަދަލެއް ގެންނަވާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ، މާލޭ ސަރަހައްދުގެ 19 ޕްރިންސިޕަލަކާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި މި ބަދަލުގެ ވާހަކަ އެ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ. އެ ހުރިހާ ބެފުޅުންވެސް މި ބަދަލު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، މި ކަމަށް ޓަކައި އަނެއްކާވެސް މަސައްކަތްތަކެއް ކުރާން ޖެހޭނެ ކަމަށާއި މުއްދަތެއް ނަގަނީ އެހެންވެ ކަމަށެވެ.