އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭއެމްއާރު) ގެ ސަބަބުން 2050 ވަނަ އަހަރުގެ ނިޔަލަށް 10 މިލިއަން މީހުން މަރުވެ އަދި އިގްތިސާދީގޮތުން 100 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އޭއެމްއާރް އަށް ހޭލުންތެރިކުރުމުގެ ހަފުތާއާ ގުޅުވައިގެން ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނީ، މުސްތަގުބަލުގައި ދުނިޔެއަށް ދިމާވާނެ އެންމެ ނުރައްކާތެރި ސިއްހީ ހާލަތަކީ ޖަރާސީމު ބޭހަށް ނުގުޑުން ނުވަތަ (އޭއެމްއާރު) ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ WHO އަދި މިފަދަ ސިއްހީ އެހެން ޖަމިއްޔާ ތަކުން ކޮށްފައިވާ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އޭ.އެމް.އާރު އަކީ ޖަރާސީމާއި ދެކޮޅަށްދޭ ބޭސްތަކަށް ޖަރާސީމު ހޭނުން ނުވަތަ ނުގުޑުމެވެ. މިގޮތަށް ޖަރާސީމު ހޭނުމަށް މެދުވެރިވަނީ ޖަރާސީމާ ދެކޮޅަށް ދޭ ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުންނެވެ. މިކަމުގެ ސަބަބުން، ފަރުވާ ހޯދިފައިވާ ބަލިތަކަށް ދެވޭ ބޭހުގެ އަސަރު ނުކޮށް ބަލީގައި ގިނަދުވަސްވެ، ނުވަތަ ފުރާނައަށް ގެއްލުން ވުމުގެ ސަބަބުން ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެއެވެ.

ހެލްތުން ބުނީ، ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ޖަރާސީމު ބޭހަށް ނުގުޑުން މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ މިހާރު ފަރުވާ ހޯދިފައިވާ އެތައް ބަލިތަކެއް، ފަރުވާ ނުލިބޭ ބަލިތަކަކަށް ބަދަލުވެ ސިއްހީ ގޮތުން ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖެހި ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުން އިތުރުވެގެން ހިނގައިދާނެ ކަމަށް ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ވާ ކަމަށް ހެލްތުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

ސިއްހީ ދާއިރާގައި ކުރިއެރުން ލިބިފައިވާ ދާއިރާތައް ކަމަށްވާ ގުނަވަން ބަދަލުކުރުން، އެކި ބާވަތްތަކުގެ އޮޕަރޭޝަން އަދި ކެންސަރުގެ ފަރުވާއަށްވެސް މި ކަމުގެ ސަބަބުން ހީނަރުކަން ލިބޭނެ ކަމަށާއި މީގެ އިތުރުން ގަސްތަކާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ ފަރުވާވެސް ޖަރާސީމު ނުގުޑުމުން، ކާބޯތަކެތީގެ އަގު ބޮޑުވެ އެތަކެތި ލިބުން ދަތިވާނެ ކަމުގައި ވެސް ފާހަގަކޮސްފައިވެއެވެ.

މިނުރައްކާތެރި ހާލަތުން ރައްކާތެރިވުމަށް ޓަކައި މުޅިދުނިޔެ އެކީގައި ތެދުވާންޖެހޭ ކަމަށާއި ފަރުދީ އަދި ގައުމީ ފެންވަރުގައި މަސައްކަތްކޮށް މި ހާލަތުން މިންޖުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހެލްތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިއްހީ ރަނގަޅު އާދަތަކުގައި ހިފެހެއްޓުމާއިއެކު ކަމާގުޅޭ ފުރިހަމަ މައުލޫމާތު ހޯދަންޖެހޭ ކަމަށާއި އަންނަން އޮތް ޖީލުތައް ރައްކާތެރި ކޮށްދިނުމަށްޓަކައި މިހާރު ލިބެންހުރި ބޭސްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ހެލްތުން ބުނެފައިވެއެވެ.