އިޒްރޭލު ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް 1،000 ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެ ޕެޓިޝަން ހުށަހަޅާފައި ވަނީ "ރައިޓް މޫވްމަންޓް" ކިޔާ ޖަމިއްޔާއަކުންނެވެ. މިއަދު މަޖިލީލަށް ހުށަހަޅާފައި ވަނީ އެ ޕެޓިޝަނުގައި ސޮއިކުރި ގިނަ އަދަދެއްގެ މީހުންގެ ތެރެއިން 1،000 ސޮއި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެގޮތުން، މާލެއިން އެކަނިވެސް މިހާތަނަށް 10،000 މީހުންގެ ސޮއި ލިބިފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ. ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ރައިޓް މޫވްމަންޓުން ބުނީ އިޒްރޭލުގެ ރަށްވެހީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އެދި އެ ޕެޓިޝަން ހުށަހަޅަނީ ފަލަސްތީން ނައްތައިލުމަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދިވެހީން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
ރައިޓް މޫވްމަންޓުން އެ ޕެޓިޝަން ހުށަހަޅާފައިވާއިރު، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގައި ބަހުސްކޮށްފައި ވެއެވެ. އަދި އިޒްރޭލު ބޮއިކޮޓް ކުރުމަށް ގޮވާލައި އާންމުންގެ ބަޔަކު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކޮށްފައިވެއެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު