މާފަންނު ފަރީދީ މަގާއި އޯކިޑް މަގު ގުޅޭ ކަންމަތީގައި ހުރި "ގަޑިބުރު" ޒަމާނީ ބަދަލުތަކާއެކު އަލުން ހުޅުވައިފިއެވެ.

ގަޑިބުރު މިރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ގަޑިބުރު ޒަމާނީކޮށް ހަދާފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ ސީއެސްއާރުގެ ދަށުންނެވެ. އެތަން ހެދުމަށް އެ ކުންފުންޏާ ހަވާލުކުރީ، ރައީސް މުއިއްޒުގެ މާލޭގެ މޭޔަރުކަމުގައެވެ.

ގަޑިބުރު ޒަމާނީކޮށް ހުޅުވާފައިވާ އިރު، އެތަން ހުރީ އެންމެ ކުރީގެ ގަޑިބުރުގެ ސިފަ ނުގެއްލޭ ގޮތަށެވެ. މިރޭ ހުޅުވި ގަޑިބުރުގެ މެދުގައި ވަށައިގެން ލެޑް ސްކްރީން ހުރެއެވެ. އެއީ ސިޓީ ކައުންސިލުންނާއި އާރުސީސީން ބޭނުންވާ މެސެޖުތަކާއި އިސްތިހާރުތައް ޖެހުމަށެވެ. އަދި ގަޑިބުރުން ފަސް ވަގުތު ބަންގި ގޮވާނެއެވެ.

"ބަންގި ގޮވާ އަޑު ފަސް ވަގުތު ބަންގިވެސް ގޮވާ ގޮތަށް، އެގޮތަށް ހަމަޖެހިފައި މިއޮތީ. އަދި މުހިންމު މެސެޖުތައްވެސް މި ޑިޖިޓަލް ސްކްރީނަށް އެރުވޭ ގޮތަށް އަދި މި ސީއެސްއާރު ޕްރޮޖެކްޓް ހިންގެވި ފަރާތުން އެކި ފަރާތްތަކަށް އެކި އިސްތިހާރުތައް ވިޔަފާރިއާ ނަފާވާ ގޮތަށް، ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ ނަފާވާ ގޮތަށް އެހެން ނަމަވެސް އޭގެ މާޒީ އިޔާދަކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގަޑިބުރުގެ ސަބަބުން އެ ސަރަހައްދަށް އިތުރު އާރޯކަމެއް ލިބިގެންދާނެ ކަމަށެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލައި މަރާމާތުކުރިއެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލައި އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރިއެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް އެތަން ތަޅާލައި މަރާމާތުކުރިއެވެ.