ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހީމްއާ ބައްދަލުކުރައްވައި، ވިޔަފާރި އާއި އިގުތިސާދީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، އިއްޔެ ކުރިއަށްދިޔަ އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސައުދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް އާލްސައުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ސައުދީގެ އިކޮނޮމިކް މިނިސްޓަރު ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. ހާއްސަގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގުތިސާދީ ދާއިރާ ފަދަ އިގުތިސާދު ތަރައްގީކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ހާއްސަކޮށް ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ސައުދީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހީމް ވަނީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.