ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީން ދެކޭނީ އެމަނިކުފާނުގެ ޒައާމަތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ މި ފެށުނު ރިޔާސީ އާ ދައުރާގަ. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރަތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަ ބޭފުޅުންގެ މި އާ ސަރުކާރުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ގިނަ ކަންކަން މިހާރު ވެސް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ޒާމާނީ އާ ޝަހަރުތަކުގެ މަލަމަތި ފެންނަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނެވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އެގޮތަށް ކަމަށާއި "އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުން ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ މަފުހޫމް" ތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު