އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ ރާއްޖެ ވަޑައިގެންފިއެވެ.

ރަނިލް ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. ރަނިލް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވަން ހަމަޖެހިފައިވާ މޫސާ ޒަމީރެވެ.

ހުވާކުރައްވާ ރަސްމިއްޔާތުގައި ބޭރުގެ ގައުމެއްގެ އެންމެ މަތީ ވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ރަނިލްއެވެ. އެހެން ގައުމުތަކުގެ ފަރާތުން އައިސްފައިވަނީ ނައިބު ރައީސުންނާއި މިނިސްޓަރުން އަދި ސަރުކާރުގެ އިސް ވެރިންނެވެ.

ރާއްޖެ ވަޑައިގެން ރަނިލް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ސްރީލަންކާގެ އިގުތިސޯދު ކުރިއެރުވުމަށް ރާއްޖެއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މުއިއްޒު އަދި ހުސެއިން، މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައެވެ. ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ އެ ރަސްމިއްޔާތަށް ޖުމުލަ 46 ގައުމަކުން، އެ ގައުމުތަކުން އައްޔަންކުރައްވާފައިވާ މަންދޫބުން ނުވަތަ އިސްވެރިން ވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ތެރެއިން ޗައިނާ، އިންޑިއާ އަދި ސީޝެލްސްގެ އިސްވެރިން ވަނީ މިހާރު ރާއްޖެ ވަޑައިގެންފައެވެ.

"ގާތްގަނޑަކަށް 12 ގައުމުގެ ވަޒީރުން އެބަ ވަޑައިގަންނަވާ. މީގެ ތެރޭގައި ހިމެނޭ އެކި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނާއި އަދި ރަސްގެފާނުންގެ ހާއްސަ މަންދޫބުންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންވެސް،" މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވިއެވެ.

ޗައިނާގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ނައިބު ރައީސް ފެންވަރުގެ ބޭފުޅެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތްޕުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޗައިނާ އިން ރާއްޖެ ވަޑައިގެންފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު ޝެން ޔިޕިންއެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިހާބީ ރައީސް މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް 1000 މީހުންނަށް އާންމުކޮށް ހުޅުވާލާނެއެވެ.

އެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަމުން އަންނަ އިރު، ޒިޔާއު މީގެ ކުރީން "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު 3،500 ވަރަކަށް މީހުންނަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރަން ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.