އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަން ކުރައްވައިފިކަމަށެވެ. މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ނަޝާތުއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށް ޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ނަޝާތުއާ ކޮމިޝަނުގެ މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އީސީގެ މެންބަރުކަމުގެ ހުވައި ނަޝާތު ކުރެއްވިއެވެ. ނަޝާތުއަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

އީސީ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. ނަޝާތަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހު ބޭއްވި ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާގެ ނަން ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވިއެވެ.

ނަޝާތު ވަނީ މީގެ ކުރިންވެސް އީސީގެ މެންބަރުކަން ކުރައްވައިފައެވެ. އީސީގެ މެންބަރު ކަމަށް ނަޝާތު ފުރަތަމަ އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 25 ޖުލައި 2018 ގައެވެ.

އޭނާގެ މެންބަރު ކަމުގެ ދައުރު މިދިޔަ ޖުލައި މަހުގެ 25 އަށް ވަނީ ހަމަވެފައެވެ. އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރަން ރައީސް އޮފީހުން، އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލަ އޮތީ މަޖިލީހުގައި ކުރިއަށް ނުގޮހެވެ.

އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ އީސީގެ މެންބަރުން ހަމަނުކޮށެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމްގެ އިތުރުން މެންބަރު ޑރ. މުހައްމަދު ޒާހިރާއި މެންބަރު މުހައްމަދު އާސިފް ހިމެނޭ ގޮތުންނެވެ.

ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ގާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން،ޢަލީ ނަޝާތު، ޢައްޔަން ކުރެއްވީ މިއަދުއެވެ.