ގާނޫނުއަސާސީއާއި މާލިއްޔަތުގެ ގާނޫނާ ހިލާފަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާނެ ކަމަށް ފިނޭންސް މިނިިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައި ދައުލަތުގެ ބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، ޑިމޮކްރެޓްސްގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަފީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ އާއި މާލިއްޔަތުގެ ގާނޫނުގައި ބުނެފައިވާއިރު، އަމީރު ބަޖެޓުން ހަރަދު ކޮށްފައިވަނީ އެއާ ހިލާފަށް ކަމަށެވެ. އަދި މިއަހަރަށް އިތުރަށް ބޭނުންވެގެން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައި ވަނީ، އެ ބަޖެޓް ފާސް ނުކޮށް އޭގައި ހިމެނޭ ފައިސާ ހަރަދުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ގާނޫނުއަސާސީ އާއި އަދި މާލިއްޔަތުގެ ގާނުނާ ހިލާފަށް ބަޖެޓުން އެއްވެސް ހަރަދެއްް ކޮށްފައި ނުވާނެ ކަމަށެވެ. އަދި މަޖިލީހަށް ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް އަދި ހުސްނުވެ ބާކީ އޮއްވައި ކަމަށްވެސް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މި އަހަރަށް ފާސްކުރި ބަޖެޓުން މި ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ހޭދަކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ފާސްކުރި ބަޖެޓު ހުސް ނުވަނީސް، ގާނޫނާ އެއްގޮތަށް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު