ސިނަމާލެއާއި މާލޭހިޔާގެ ފުލެޓުތަކުގެ ދިރިއުޅޭ މީހުންނަށް ހާއްސަ ހައުސިން ސްކީމެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިކުރިއަށް ގެންދިޔުމަށް، ހިމަނައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި ރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން ސިނަމާލެއާއި މާލޭހިޔާގެ ފުލެޓުތަކުގެ ދިރިއުޅޭ މީހުންނަށް ހާއްސަ ހައުސިން މަޝްރޫއެއް ފެށުން ހިމަނާފައިވަނީ ވެރިކަމުގެ 14 ވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައެވެ.

އިންތިހާބީ ރައީސް މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ކައުންސިލުން ވަނީ ސިނަމާލެ ފުލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަން ނިންމައިފައެވެ.

ސިޓީ ކައުންސިލުން މިއަހަރުގެ މޭމަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި "ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ކަރުދާހަށް ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ ފައިނޭންޝިއަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ ސިނަމާލެ އިމާރާތަށް މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ބޮޑު އަދަދެއްގެ ހަރަދެއް ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވެފައިވަނީ ސިނަމާލެ ފުލެޓުތައް އެންމެ ފަހުން މަރާމާތު ކުރިއިރު، ފަސް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

ސިނަމާލެ ފުލެޓުތައް ތަޅާލައި އަލުން އިމާރަތް ކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވެއްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި އިމާރާތްކުރާ 700 އެޕާޓްމެންޓްގެ ތެރެއިން 128 އެޕާޓްމެންޓް ހާއްސަ ކުރާނީ މިހާރު ވެސް ސިނަމާލެ ފްލެޓް ލިބިފައިވާ މީހުން ރީލޮކޭޓް ކުރުމަށް ކަމަށާއި އެއަށްފަހު ދެވަނަ ފޭސްގައި ހެދުމަށް ހަމަޖެހިފައިވަނީ 800 އެޕާޓްމެންޓު ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

"ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ވަނީ ކައުންސިލްގެ އެ ދުވަހުގެ ބައްދަލުވުމުގަައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އެފަހުން ސިޓީ މޭމަހުގެ 25 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ސިނަމާލެ ފުލެޓުތައް ތަޅާލައި، އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

ސިނަމާލެ ފުލެޓަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ޗައިނާގެ އެހީގައި އިމާރަތްކުރި ފުލެޓުތަކެކެވެ.