އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ފަށަން ހިމަނައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި ރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އައްޑޫ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ފަށަން ހިމަނާފައި ވަނީ 14 ވަނަ ހަފުތާއަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އައްޑޫގެ ހިތަދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވެފައިވަނީ އައްޑޫ ރައްޔިތުން ބޭނުންވާ 15 ކިލޯމީޓަރުގެ ބުރިޖު، ހިތަދޫއާއި މީދޫ ދެމެދު އަޅާ ބުރިޖު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.

ހިތަދޫ އާއި މީދޫއާ ދެމެދު ބުރިޖެއް އެޅުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވައުދުފުޅެކެވެ. މުއިއްޒު ވިދާޅުވެފައިވަނީ ޔާމީންގެ އެ ތަސައްވަރާ އެއްގޮތަށް ހިތަދޫ އާއި މީދޫއާ ދެމެދުގައި ބުރިޖު އަޅުއްވައިދެއްވާނެ ކަމަށެވެ.