އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި އީއީޒެޑްގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް ނިންމަވައިފިއެވެ.

މުއިއްޒު، އެ މަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވީ ރާއްޖެއިން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށެވެ. މުއިއްޒު ވިދާޅުވެފައިވަނީ އެހެން ވައުދުތައް ފުއްދުމުގެ މަސައްކަތް އިސްކުރައްވާނީ ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދުގެ ހޯދުމުގެ ކަންކަން ކުރުމަށްފަހު ކަމަށެވެ.

މިރޭ އާންމުކުރި "14ހަފުތާ" ފޮތުގައި ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު މުއިއްޒު ހިމަނުއްވާފައިވަނީ ދެވަނައަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ މި ސަރުކާރުން ވިއްކާލި ބައެއް ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.