ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު، އަލުން ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ވަނީ [ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު](https://www.gazette.gov.mv/iulaan/264148) ގެޒެޓުކޮށްފައެވެ. އަދި ވަނީ ފުލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް އިއުލާންކޮށްފައެވެ.

"ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓުގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމުލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަސްއެވެ." ހައުސިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓުތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފުލެޓު ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.

އެ ސްކީމުގެ ދަށުން ފުލެޓް ދީފައިވާ ގޮތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އޭސީސީން ވަނީ އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ބަލައި ފާސްކޮށްފައެވެ.