އިންތިގާލީ އިންސާފުގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެއެވެ.

އޭސީސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން މިއަދު މެންދުރު އެ އޮފީހަށް ވަދެފައިވާ ކަމަށް އޭސީސީން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.

އޭސީސީން އިންތިގާލީ އިންސާފުގެ އޮފީހަށް ވަދެފައި ވަނީ އިންތިގާލީ އޮފީހަށް ބޮޑެތި ތުހުމަތުތަކަކާއެކު އޮމްބަޑްސްޕާސަންގެ މަގާމުގައި ހުރި ޖިހާސާ އަނީސް މީގެ ދެ ދުވަސް ކުރިން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ޖިހާދާ ވަނީ ދެންތިއްބެވި އޮމްބަޑްސްޕާސަނުންނަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފައެވެ.

އެގޮތުން ޖިހާދާ ވިދާޅުވީ އެ އޮފީހުގެ ތަހުގީގު ކުރުމާގުޅޭ މަސައްކަތްތަކަކީ އޮމްބަޑްސްޕާސަނުންގެ މަސައްކަތަށް ވާއިރު، އެ މަސްއޫލިއްޔަތު އަދާނުކުރައްވައި ހަމައެކަނި ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގަންނަވާ ބަޔަކަށް އޮމްބަޑްސްޕާސަނުން ވެގެން ދިޔަ ކަމަށާއި ގިނަ ދުވަސް ދުވަހު ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. އަދި އޮފީހުގެ މަސައްކަތްތައް ނިމެން ދެ ހަފުތާއަށް ވެފައި ވަނިކޮށް، އޮފީހުން މައްސަލަތައް ބެލުމުގެ އުސޫލުތަކާ ހިލާފަށް ގިނަ މައްސަލަތަކެއް ކުއްލިއަކަށް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަދި މިދިޔަ އަހަރުގެ ނިޔަލަށް ގިނަ މައްސަލަތަކެއް ނިންމާފައިވީ ނަމަވެސް އޮފީހުގެ އެންމެ އިސް ފަރާތް ކުރަންޖެހޭ މަސައްކަތްތައް ނުކުރެއްވުމުގެ ސަބަބުން، ފާއިތުވެދިޔަ އޮކްޓޫބަރު މަހާ ހަމައަށްވެސް އެ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ސުލްހަކުރުމުގެ މަސައްކަތްތައް ނުފެށޭ ކަމަށް ޖިހާދާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޗީފް އޮމްބަޑްސް ޕާސަންއާއި ދެން ހުންނެވި އޮމްބަޑްސްޕާސަންއާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކު މަސްތުގެ ހާލުގައި އޭނާ މަސައްކަތްކުރާ ކޮޓަރިއަށް ވަދެ ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށާއި ކަން ކުރީ އެ ދެ ބޭފުޅުންގެ އެއްބާރުލެއްވުމާ އެކު ކަމަށް ގަބޫލުކުރެއްވޭ އެތައް ސަބަބުތަކެއް ފާހަގަވެފައިވާ ކަމަށެވެ.