އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކުގެ ޕްރޮމޯޝަންތައް ދިނީ ކުރިއާލައި އިއުލާންކޮށްގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވާން ދެ ދުވަހަށް ވެފައި ވަނިކޮށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމާ ހިލާފަށް ކުއްލިއަކަށް ފުލުހުންގެ ގިނަ ބަޔަކަށް ޕްރޮމޯޝަންތަކެއް ދީފައިވާތީއެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެއީ އޭޕްރީލް މަހުން ފެށިގެން ދޭން އިއުލާންކޮށް، ހަމަޖެހިފައި ހުރި ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި އެއީ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައި ހުރި އުސޫލުތަކާ އެއްގޮތަށް ދެމުންދާ ޕްރޮމޯޝަނެއް ކަމަށް ބުންޏެވެ.

"ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ،" ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ޕްރޮމޯޝަންތައް ދީފައިވާކަން ޕޮލިސް ކޮމިޝަނާ އަހުމަދު ހަމީދު ވަނީ ޑރ. މުއިއްޒަށް އަންގަވައިފައެވެ. އަދި އެ ޕްރޮމޯޝަންތަކަކީ މިދިޔަ އޮގަސްޓު މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ދިން ޕްރޮމޯޝަންތަކެއް ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިންތިހާބީ ރައީސްގެ އޮފީހުގެ ބަހެއް "ވަން" އަށް ލިބޭގޮތް ވަނީ ނުވެފައެވެ.

ސަރުކާރު ބަދަލުވާ އިންތިގާލީ މަރުހަލާގައި މަގާމުގެ ކުރިއެރުން ނުދިނުމަށާއި މަގާމަށް މީހުން އައްޔަނު ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން އެދިފައިވެއެވެ. އެގޮތަށް އެދުނު ނަމަވެސް އެފަދަ ބައެއް ކަންކަން ކުރިއަށް ދާކަން ފާހަގަވެފައިވާ ކަމަށްވެސް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް މީގެ ކުރިން ވަނީ ވިދާޅުވެއެއެވެ.