އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވާނީ އެ ގައުމުގެ ޔޫނިއަން މިނިސްޓާ އޮފް އާތް ސައިންސް ކިރެން ރިޖީޖޫ ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފިއެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ގައުމުތަކަށާއި އަވަށްޓެރި ހުރިހާ ގައުމަކަށް ފޮނުވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްޓާނަލް އެފެއާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އާތު ސައިންސް މިނިސްޓަރު އަދި އަރޫނާޗަލް ޕްރަދޭޝްގެ ޔޫނިއަން މިނިސްޓަރު ކިރެންއެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށްވެސް ދައުވަތު އަރުވާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަނުގައި ބުނެފައިވެއެވެ.
މި ސަރުކާރުން އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު، އިންތިހާބީ ރައީސް ވަނީ އެ މަނިކުފާނު ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ހާރިޖީ ސިޔާސަތެއް ކަމަށާއި އިޒްރޭލު ނޫން ހުރިހާ ގައުމަކާ ގުޅުން ބަދަހިކުރާނެ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސްޓޭޓު ކައުންސިލާ ޝެން ޔިޗިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު