އިޒްރޭލު ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި މަޖިލިސް ބޭރުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން އާންމުންގެ ބަޔަކު މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރަމުން ދާއިރު، އެމީހުން ދަނީ ޒަޔަނިޒަމް ޕްރޮމޯޓުކޮށް ވާހަކަ ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް ގޮވައިލަމުންނެވެ.

އެ އިހުތިޖާޖު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ހުސެއިން ފުރުޝާން "ވަން" އަށް މައުލޫމާތު ދެމުން ބުނީ މިއީ އެއްވެސް ޖަމިއްޔާއަކުން ރާވައިގެން ހިންގާ ކަމެއް ނޫން ކަމަށާއި މިއީ މި މައްސަލައާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނޭޅި ގިނަ ދުވަސް ވެގެންދާތީ އާންމުންގެ ބަޔަކު އެކުވެގެން ކުރެވޭ އިހުތިޖާޖެއް ކަމަށެވެ.

އޭނާ ބުނީ، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން މީގެ ކުރިން ހުށަހެޅުއްވި ގަރާރާމެދު ގޮތެއް ނިންމުން އަވަސް ކުރުމަށްވެސް އެ އިހުތިޖާޖުގައި ގޮވާލާ ކަމަށެވެ.

"ވަން" އާ ވާހަކަ ދެއްކި އިހުތިޖާޖުގެ ބައިވެރިޔަކު ބުނީ އިޒްރޭލުގެ ހަމަލާތައް ކުއްވެރިކުރުމުގައި ރާއްޖޭން ގެންގުޅޭ ބަސްމަގު އިތުރަށް ހަރުކަށި ކުރުމަށްވެސް ގޮވާލާ ކަމަށެވެ. އަދި އަރަބި ގައުމުތަކާ އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ބޭނުންކޮށްގެން އިޒްރޭލަށް އިތުރަށް ޕްރެޝާ ކުރުމަށް ގިވާލާ ކަމަށް ބުންޏެވެ.

މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރަމުންދާ މީހުންނާ މަޖިލީހުގެ ބައެއް މެންބަރުން ދައްކަވާފައިވާ އިރު، އެ މެންބަރުން ވަނީ އެކަމުގައި ދެކެވަޑައިގަންނަވަނީ އެއް ގޮތަކަށް ކަމަށާއި އެއީ މުޅި ރާއްޖެވެސް ތިބީ ފަލަސްތީނާ އެކުގައި ކަމަށް ވިދާޅުވެފައެވެ. އިހުޖިޖާޖުގެ ބައިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނި ބައްދަލުކުރައްވައިފައެވެ.