ޒަޔަނިޒަމްއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި ބަޔަކު މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކުރަމުން ދާތީ، މަޖިލީހުގެ ބޭރަށް ނުކުމެވަޑައިގެން އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ދެ ކަމެއް ފާހަގަ ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ އިޒްރޭލާއި ޒަޔަނިޒަމް ކަމަށާއި، ޒަޔަނިޒަމް އަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޒަޔަނިޒަމް އަކީ ޔަހޫދީންނަށް ގައުމިއްޔަތެއް ހޯދައިދީ، ޔަހޫދީންގެ ގައުމެއް ބިނާކުރުމަށް 19 ވަނަ ގަރުނުގައި އުފެދިގެން އައި މޫވްމަންޓެކެވެ. އިޒްރޭލު އުފެދިގެން އައީ މި މޫވްމަންޓުގެ ތެރެއިންނެވެ. ނަމަވެސް ނަޝީދު ވާހަކަފުޅު ދެއްކެވީ ޒަޔަނިޒަމް އާއި އިޒްރޭލު ވަކި އެއްޗެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.
އޭގެ އިތުރުން ނަޝީދު ވަނީ 1947 ވަނަ އަހަރުން ފެށިގެންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރައްވައިފައެވެ. ނަޝީދު އެހެން ވިދާޅުވުމުން އެ ތަނުގައި ތިބި ނޫސްވެރީން ވަނީ ރާއްޖެ އިޒްރެލާ ގުޅުން ގާއިމު ކުރީ ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކޮށްފައެވެ. ނަމަވެސް އެ ކަމަކަށް ނަޝީދު ޖަވާބެއް ނުދެއްވައެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނަޝީދު މީގެ ކުރިން އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވައިފައިވާއިރު، އެ ޕޯސްޓުގައި ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓައިފި ނަމަ، އިޒްރޭލާމެދު ދުނިޔެ ދެކޭ ގޮތް ދުވަހަކުވެސް ބަދަލު ނުވާހާ ގޯސްވެދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު