ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން އަދަބު ލުއިކޮށްދޭން އޭނާއަށް ފެންނަނީ ހުކުމުގެ ހަތަރު ބައިކުޅަ ތިން ބައި ތަންފީޒުކޮށް ނިމުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ، 2008 ގައި ފެހި ގާނޫނު އަސާސީ އެކުލަވައިލުމުގެ ކުރިން މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތީ މުތުލަގަށް ދީފައި ކަމަށެވެ. ނަމަވެސް ފެހި ގާނޫނު އަސާސީގައި އޮތީ މުތުލަގަށް އެ ބާރު ނުދީ، އެ ބާރުތައް ގާނޫނުތަކުން ހަނިކުރެވޭ ގޮތަށް ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި ވާ ގޮތުން ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ގާނޫނުގައިވާ ގޮތުގެ މަތީން މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމަކީ ރައީސްގެ ބާރެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެކަން ތަންފީޒުކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި "މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު" އުފަންކުރި ކަމަށާއި އެ ގާނޫނުގައި މައާފު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ހުރީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހުންނަ ފަދަ، އެކަށީގެންވާ ގޮތަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެ ގާނޫނުގެ 29 ވަނަ މާއްދާގައި ވަނީ (މައާފުދިނުމުގެ ހާއްސަ އުސޫލު) އެވެ.
ޝަމީމް ވިދާޅުވީ، އެ ގާނޫނުގައި މައްސަލަ އޮތީ ދެކަމެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، އެ ގާނޫނުގެ ހަތް ވަނަ މާއްދާ (އިލްތިމާސް ހުށަހެޅޭނެ މުއްދަތު)ގައި، އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅޭނީ އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމަށްފަހު ކަމަށް އޮތް މާއްދާއެވެ. އޭގެ މާނައަކީ، 20 އަހަރުގެ ޖަލު ހުކުމެއް ނަމަ، ހަ އަހަރާއި ހަ މަސްދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަނީ ކްލެމެންސީގެ އުސޫލު އުވާލަށެވެ. ނަމަވެސް، އެކަން ބާއްވާނަމަ، އެކަން އޮންނަން ވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ. އޭރުން، 20 އަހަރުގެ ހުކުމެއްނަމަ، 15 އަހަރު ތަންފީޒުކުރަން ޖެހޭނެއެވެ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ހުކުމުގެ ތިން ބައިކުޅަ އެއްބައި ތަންފީޒުކުރުމުން އިލްތިމާސްއަށް ހުށަހަޅަން ފުރުސަތު ލިބޭ ގޮތަށް އޮތް އޮތުން ގާނޫނަށް އިސްލާހު ގެނެސް ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކުރުމުން އިލްތިމާސްއަށް އެދެވޭ ގޮތަށް ބަދަލުކޮށްފައި ކަމަށެވެ.
"އޭގެ ބޭނުމަކީ، ޖަލުގައި ތިބި ޒުވާނުން ޖަލުން ނެރި، މުޖްތަމައަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށް ބުނެއެވެ. އޭގެ ނަތީޖާއަކީ، 20 އަހަރުގެ ހުކުމެއް އޮތް މީހަކު، ފަސް އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުސަތު ލިބުމެވެ." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަކީ އަސްލަކަށް ނުވެ، ހަމައެކަނި އާދަޔާ ހިލާފު އިސްތިސްނާ ހާލަތުތަކުގައި ކުރެވޭ ކަމަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު