ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މިއީ ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަޝީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބަޖެޓަށް އިތުރުކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސްގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައި އޮތް ބަޖެޓު އެކީގައި ހުސްކޮށްލާފައިވާ ކަން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިއީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންގެ ފައިސާ ހަރަދުކުރަން ޖެހޭނީ އަމާނާތްތެރިކަމާ އެކު ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރަންވާނީ ބަލައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ބަޖެޓްގެ ފައިސާއަކީ މަޖިލީހުގެ މެމްބަރުންގެ ކޮންޓްރޯލް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ބަހާލަން" އޮންނަ އެއްޗެއް ނޫން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ ބަޖެޓްގެ ފައިސާއަކީ ގައުމުގެ ތަރައްގީ އާއި އަންނަން އޮތް ޖީލުތަކަށް އޮތް ފައިސާއެއް ކަމަށާއި އެ ފައިސާ ބޭކާރު ގޮތުގައި އަދި ނާޖާއިޒް ގޮތުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވައްކަން ކޮށްގެންވެސް ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިއީ ސަޕްލިމަންޓްރީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަސީދެއް. ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ. އެއްޗެއް ގަތީމާ ގިނަ ފަހަރަށް ރަޝީދެއް ލިބޭނީ. މިއޮތީ މާލީ ވަޒީރާއި ސަރުކާރު ވައްކަން ކުރައްވާފައި، ވައްކަމުގެ ރަސީދެއް މި ތަނަށް ފޮނުއްވާފައި،" ނަޝީދު ވިދާޅުވިއެވެ.