ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަހުލާގީ މައްސަލަތަކަކީ އެ މެންބަރުންގެ ތޮބީއަތުގައި ހުރި ކަމެއް ކަމަށާއި މަޖިލިސް ރައީސަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް މަޖިލީހުގެ އާ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސަޕްލިމަންޓަރީ ބަޖެޓު ބަހުސްގައި އަލީ އާޒިމް ވާހަކަދެއްކެވި ވަގުތު ބައެއް މެމްބަރުން ވަނީ އަޑުގަދަ ކުރައްވައި ނިޒާމީ ނުކުތާ ނަންގަވައިފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަސްލަމް، ނިޒާމީ ނުކުތާތަކަށް ފުރުސަތު ދެއްވާފައެއް ނުވެއެވެ.
އަލީ އާޒިމް ވާހަކަދައްކަވައި ނިންމެވުމުން، އަސްލަމް ވިދާޅުވީ އެއްވެސް މެންބަރަކު ވާހަކަދައްކަވަމުން ގެންދަވާއިރު ނިޒާމީ ނުކުތާއެއް ނާރުވާނެ ކަމަށާއި ހުށަހެޅިފައިވާ މައްސަލައިގައި ކޮންމެ މެންބަރަކަށްވެސް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އިއްޒަތްތެރި މެންބަރަކު ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު އަޑުގަދަ ކުރައްވައި އެކަމަށް ހުރަސް ނާޅުއްވާ! އެއަށް ޖަވާބު އެރުވުމަށް ޓަކައި ތިބޭފުޅުންނަށްވެސް ފުރުސަތު ލިބިވަޑައިގަންނަވާނެ، ތިބޭފުޅުންގެ ފުރުސަތުގައި ތިބޭފުޅުން އެއަށް ޖަވާބުދެއްވާ،" އަސްލަމް ވިދާޅުވިއެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ މަޖިލިސްގެ ގަވާއިދުގައި މަޖިލިސް މެމްބަރުންނާ މުހާތަބު ކުރައްވާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި މަޖިލިސްގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ މެމްބަރުންނާ ވާހަކަދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ އެގޮތަށް ވިދާޅުވީ މެމްބަރު އަލީ އާޒިމް، މަޖިލީހުގެ ބައެއް މެމްބަރުންނަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައި، ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވުމުންނެވެ.
އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ "މެންބަރުންގެ އަހުލާގީ ކަންކަން އެއީ ތޮބީއަތުގައި ހުރިކަމެއް، އެ ކަމަކަށް އަޅުގަނޑު މިވަގުތަކު އަޅާނެ ވަކި ފިޔަވަޅެއް ނެތް،" ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ފުރިހަމައަށް ގެންދެވުމަށް މެމްބަރުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި މެމްބަރުން ވާހަކަދެއްކެވުމުގައި އާންމު މިންގަނޑާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އަމަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު