އަނިޔާވެރިކޮށް މަރާލި ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލިކަން އެ މައްސަލައިގައި ދައުވާ ސާބިތުވި ކުއްޖާގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފިއެވެ.

ޖުލައި 31 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ހާދިސާ ހިނގި އިރު، އެ ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އުމުރުން މިހާރު 22 އަހަރުގެ އެ މީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން 2021 އަހަރު ހުކުމްކުރުމުން، އެ ނިންމުން ދައުލަތުން ހަމަ އެ އަހަރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވާތީ 18 އަހަރަށް ޖަލަށް ލުމަށެވެ.

އަނަސްގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރު ހިފާށެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

ކަރެކްޝަންސްގެ އޮފިސަރަކު "ވަން" އަށް ވިދާޅުވީ، ކްލެމެންސީގެ ދަށުން އެ ކުއްޖާގެ އަދަބު ދިހަ އަހަރަށް ލުއިކޮށްދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާ މިނިވަންކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ.

"މިނިވަނެއް ނުކުރޭ. އޭނާ އަދިވެސް ހުރީ ޖަލުގައި. އަދަބުން ބައެއް މި ލުއިކޮށްދިނީ." އޮފިޝަލް ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި އޭނާގެ އިތުރުން ހަތް މީހަކަށް ދައުވާ ކުރެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ސ. ފޭދޫ/ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ތ. ކިނބިދޫ/ ގުލްފާމުގޭ، މުހައްމަދު ޝާޒްއާއި ލ. ގަން/ ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު/ އުސްމާން ޝަރީފާއި ޅ. ކުރެންދޫ/ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ/ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުންނެވެ.