(10 ނޮވެމްބަރުގެ އަދަދާ ގުޅޭ)

عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ދެންނެވިއެވެ. "މިބައިމީހުންނަކީ ބާޠިލު އެބައެއްގެ ލެޔާ އެކުވެފައިވާ ބަޔެކޭ އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ. މިބައިމީހުންގެ ގަހަނާއަކީ ބޯހަރުކަމެވެ. ނުކިއްސަރުކަމެވެ. ދޮގުވެރިކަމެވެ. ނުބައި ނުލަފާކަމެވެ." عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާގެ މެންބަރުން އިސްލާމްވެވަޑައިގެންނެވިކަން އިޢުލާންކުރެއްވީ ބަޔާންވެދިޔަ ޝައުޤުވެރި ގޮތަށެވެ. ޔަހޫދީންގެ ހިތްތަކަށާއި ސިކުނޑިތަކަށް މި ހާދިސާއިން ކުރާނެ އަސަރަކީ ވަންހަނާވެގެންވާ ކަމެއް ނޫނެވެ. (ސީރަތެ އިބްނު ހުޝާމް ޖިލްދު: 2، ޞަފުޙާ 139-138)

މިފަދަ މަޝްހޫރު އަނެއް ހާދިސާއަކީ ޔަހޫދީންގެ ޤަދަރުހުރި ޢިލްމުވެރި ރައީސެއްކަމުގައިވާ مخـــيـــريــق ގެ ވާހަކައެވެ. މި ހާދިސާ ހިނގީ عـبــد اللّــــه بـــن ســـلام އިސްލާމްވެވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ފަހުންނެވެ. އާދެ، އުޙުދު ހަނގުރާމައިގެ ދުވަހުއެވެ. ޔަހޫދީންގެ މި ޢާލިމަކީ ވަރަށް މުއްސަނދިފުޅު ބޭކަލެކެވެ. މަދީނާގައި އެކަލޭގެފާނުގެ ވަރަށްގިނަ ރައުސުމާލުތަކާއި ކަދުރު ބަގީޗާތައްވެސް ހުއްޓެވެ. عـبــد اللّــــه بـــن ســـلام އެކޭ އެއްފަދައިން އެކަލޭގެފާނުވެސް ވަނީ ތަޢައްޞުބެއްނެތް ޢިލްމީ ވިސްނުންފުޅުގެ އަލީގައި ޙައްޤު ހޯއްދަވައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެނެވަޑައިގެންފައެވެ. އުޙުދު ހަނގުރާމައިގެ ދުވަސް އައީ مخـــيـــريــق އެގޮތުގައި ހުންނަވަނިކޮށެވެ. އިއްތިފާޤުން އެދުވަހަކީ ހޮނިހިރު ދުވަހެކެވެ. مخـــيـــريــق އިންނެވީ ޔަހޫދީންގެ ބޮޑުންގެ މަޖިލީހެއްގައެވެ. މުސްލިމުން ހަނގުރާމަޔަށް ނުކުތް ޚަބަރު مخـــيـــريــق އަށް ލިބިވަޑައިގެންނެވުމުން ޔަހޫދީންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.

"އޭ ޔަހޫދީންނޭވެ! މާތް اللّــــه ގަންދެމެވެ. محــمّــد ގެފާނަށް (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އެހީވުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބެކެވެ. މުޝްރިކުންނާ ހަނގުރާމަކުރުމުގައި މުސްލިމުންނާ އެހީވުމަކީ އުޞޫލެއްގެގޮތުންވެސް ތިޔަބައިމީހުންގެ މައްޗަށް ލާޒިމު ކަމެކެވެ. ހަމައެފަދައިން ތިޔަބައިމީހުން އެއްބަސްވެ ސޮއިކޮށްފައިވާ މުޢާހަދާގައިވާ ގޮތުންވެސް ތިޔަބައިމީހުންގެ ޙަލީފުންނާ ބައިވެރިވާން ޖެހޭނެއެވެ." ޔަހޫދީން ދިނީ އެބައިމީހުންގެ ޠަބީޢަތެއް ކަމުގައިވާ ފަދައިން، ނުހަނު ޙީލަތްތެރި ޖަވާބެކެވެ. އެބައިމީހުން ބޭނުންވާގޮތަށް ދީނީ ކަންތައްތައް މާނަކުރުމުގެ ޖަވާބެކެވެ. އެބައިމީހުން ބުންޏެވެ. "މިއަދަކީ ހޮނިހިރު ދުވަހެވެ."

مخـــيـــريــق މަލާމާތުގެގޮތުން ޖަވާބު ދެއްވިއެވެ. "ތިޔަބައިމީހުންނަށް އޮންނާނީ ކޮން ހުކުރު ދުވަހެއް ހޮނިހިރު ދުވަހެއް ހެއްޔެވެ؟" مخـــيـــريــق މި ޖަވާބު ދެއްވުމަށްފަހު ހަތިޔާރު އަޅުއްވައިގެން އުޙުދުގެ މައިދާނަށް ވަޑައިގެން رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބައްދަލުކުރެއްވިއެވެ. مخـــيـــريــق ވަނީ އެދުވަހުގެ ހަނގުރާމައިގައި ޝަހީދުވެފައެވެ. އެކަލޭގެފާނު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވުމުގެ ކުރީން ޢާއިލާއަށް އަންގަވައިފައިވަނީ އެކަލޭގެފާނު ޝަހީދުވެއްޖެކަމުގައިވާނަމަ އެކަލޭގެފާނުގެ އުފުލޭ އަދި ނުއުފުލޭ ހުރިހައި އެއްޗެހިކޮޅުތަކެއް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ޙަވާލު ކުރުމަށެވެ. އެކަލޭގެފާނު ޢާއިލާއިން އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް ޢަމަލުކުރިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުސްލިމުންކުރެ ފޯރުންތެރިކަން ނުހުންނަ މީހުންގެ ޚަރަދުބަރަދަށް އެ ޞަދަޤާތުގެ ބޭނުންކުރެއްވިއެވެ. (مخـــيـــريــق އިސްލާމްވެވަޑައިގެންނެވިކަމާއި ނޫންކަމާމެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހުރެއެވެ.)

އިސްލާމީ ތަޙްރީކު ނަޞްރުވެރިކަމާއެކު ފެތުރެމުންދާތަން ފެންނާން ފެށުމުން ޔަހޫދީންގެ ފާސިދު ޠަބީޢަތާއި ނުބައިނުލަފާ ޝަޚްޞިއްޔަތުގެ ރައްދު ޢަމަލުހުރިގޮތުގެ އެއް މިސާލަކީ أمّ المـــؤمــنــيـــن السّـــيّـدة صفـــيّـــة بـنت حُــيــيّ بــــن أخطب ރިވާކުރައްވައިފައިވާ ހާދިސާއެކެވެ. أمّ المـــؤمــنــيـــن ވިދާޅުވެފައިވެއެވެ.

"އަހަރެންގެ ބައްޕަ حُــيــيّ بــــن أخطب އާއި ބޮޑުބޭބެ أبــــو يــاســـــر بــــن أخطب އަކީ ޔަހޫދީންގެ ދަންނަބޭކަލުންކުރެ އަރައިތިބި ދެމީހުންނެވެ. އެދެމީހުން އެންމެ ލޯބިވާ ދަރިޔަކީ އަހަރެންނެވެ. އެދެމީހުން އަހަރެން ގެންގުޅުނީ ކައިރީން ދުރުވިޔަ ނުދީއެވެ. ލޯމަތީން ކައްސައިލިޔަނުދީއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖުރަޔަށް ވަޑައިގެން ޤުބާގައި މަޑުކުރެއްވުމުން އިތުރު ސާހިބާގެ ފައިވާންޕުޅު ދެކޭން އެދެމީހުން ހިނގައްޖައޫއެވެ. އެދެމީހުން ދިޔައީ އެއްދުވަހަކު ހެނދުނު ފަތިހާއެވެ. މޫނު އަނދިރިކަން ހުއްޓައެވެ. އެނބުރި އައީ އިރުއޮއްސުނު ފަހުންނެވެ. އޭރު ދެމީހުންވެސް ތިބީ ވަރަށް ވަރުބަލިވެފައި ވަރަށް ފިކުރުބޮޑުވެފައިކަން މޫނުމަތީން އެނގެއެވެ. ހިނގައިފައި އައީވެސް ވަރަށް މަޑުމަޑުންނެވެ. އަހަރެން އާދައިގެމަތީން ހެވިދިލިފައި ހުރެގެން އެދެމީހުނާ އިސްތިޤްބާލު ކޮށްފީމެވެ. އެކަމަކު މާތް اللّــــه އަށްޓަކައި ބުނަމެވެ. އެދެމީހުން ކަންބޮޑުވެ ހާސްވެފައި ތިބިވަރުން އަހަންނާމެދަކުވެސް ސަމާލުކަމެއް ނުދިނެވެ. އެދެމީހުންއައިސް އިށީނދެލައިގެން އަނގައިންވެސް ނުބުނެ ތިބީއެވެ. އެގޮތުގައި އެތައް އިރެއްވީފަހުން އަހަރެންގެ ބޮޑުބޭބެ ބައްޕަޔާ މުޚާޠަބުކޮށް ބުނެފިއެވެ. "ބޭބޭއެވެ! މިއީ ހަމަ އޭނާ (އެ ނަބިއްޔާ) ހެއްޔެވެ؟" ބައްޕަ ބުނެފިއެވެ. "އާނއެކެވެ! މާތް اللّــــه ގަންދެމެވެ." ބޮޑުބޭބެ އަނެއްކާވެސް ބުނެފިއެވެ. "ރަނގަޅަށް ބަލައި ފާހަގަކުރީމުހެއްޔެވެ؟ ހަމަ ޔަޤީންހެއްޔެވެ؟" ބައްޕަ ބުނެފިއެވެ. "އާނއެކެވެ." ބޮޑުބޭބެ ސުވާލުކުރިއެވެ. "އެހެންވީއިރު ދެން ހަދާން ހިތުގައިއޮތީ ކޮންގޮތަކަށް ހެއްޔެވެ؟" ބައްޕަ ޖަވާބުދިނެވެ. "ދެކޮޅުވެރިކަމާއި ދުޝްމިނުކަމެވެ. މަރުދުވަހާ ހަމަޔަށެވެ. މާތް اللّــــه ގަންދެމެވެ."

އާދެ، ޔަހޫދީންގެ އަސްލު ޒިހުނިއްޔަތު ހުންނަގޮތަކީ މިއީއެވެ. އެބައިމީހުންގެ ގާތަށް ވަޑައިގެންނެވީ ޙައްޤު ދީނާއިގެން ވަޑައިގެން ތެދުމަގަށް ގޮވައިލައްވާ ދާޢީއެއްކަން އެބައިމީހުންނަށް ކަށަވަރުކަމާއެކު އެނގެއެވެ. އެމާތް ސާހިބާގެ ކޮންމެ ބަސްފުޅެއް އެމާތް ސާހިބާގެ ތެދުވެރިކަމަށް ހެކިވެއެވެ. އެމާތް ސާހިބާގެ މުޅި ވުޖޫދު އެމާތް ސާހިބާގެ ޤަދަރު އުފުލިގެންވާކަން ތަރުޖަމާކޮށްދެއެވެ. އެމާތް ސާހިބާގެ ނޫރު ލެއްވިގެންވާ މޫނުފުޅާއި ރީތި ބުރުސޫރަފުޅަކީ އެމާތް ސާހިބާގެ ނުބުއްވަތުގެ އިޢުލާނެކެވެ. ޔަހޫދީން އެކަން ހަމައެކަނި ދަންނަނީކީ ނޫނެވެ. އެބައިމީހުންގެ ގޭތެރޭގެ ބައްދަލުވުންތަކުގައި އެކަމަށް އިޢުތިރާފުވެސްވެއެވެ. އެކަމަކު އީމާންވެ ތެދުކުރުމުގެ މަގު ޚިޔާރުކުރުމުގެ ބަދަލުގައި ޢަޒުމު ކަނޑައަޅަނީ ތެދު ޤަބޫލު ނުކުރުމަށެވެ. ދެކޮޅުވެރިވުމަށެވެ. މިއީ ޔަހޫދީންގެ ޠަބީޢަތެވެ.

ހެނދުނު އިރުއެރުމުން އެކަން ނޭނގެނީ ކާކަށްތޯއެވެ؟ އެ އިރުގެ ނޫރާނީ ދޯދިތަކުން މުޅި ދުނިޔެ އަލިކުރެއެވެ. ރަންކުރުވައެވެ. އިންސާނުންނާއި ޙަޔަވާނާތުގެ ލޯތައް ތަރަތަރަ ލައްވައެވެ. ގަސްގަހާގެއްސާއި ވެޔޮވެލާވެލީގެ ކޮންމެ ފަތަކަށްވެސް އެކަން މޭރުންވެއެވެ. އެ އިރުގެ ހޫނުކަމާއި ފިނިކަން ޖަމާދާތުތަކަށާއި ފެންތިކިތަކަށާއި ވައިކަނޑުގެ ރާޅުތަކަށްވެސް އިޙްސާސުވެއެވެ. މުޅިދުނިޔެ ނޫރުގެ ދޯދިތަކުން ފެންވަރާންފެށިކަން އެނގެއެވެ. އިޙްސާސުވެއެވެ. އިރުއަރައި އަލިވުމަކީ ނުހަނު ވަރުގަދަ އިންޤިލާބީ ހާދިސާއެކެވެ. ވާލާއި ބަކަމޫނުތަކަށް ދާންދެން އިރުއެރުމުން ލޯދިލުވައެވެ. މުޅިދުނިޔެ އިރުގެ ފާންކަމަށް ލޯހުޅުވައެވެ.

އެކަމަކު ޔަހޫދީންގެ ނުބައި ޠަބީޢަތަކީ އަރައިގެން އަންނަ އިރުގެ ފާން އަލިކަން ނުދެކޭންވެގެން ދެލޯމަރައި ތަގުޅިކުރުމެވެ. މާތް اللّــــه ގެ ނަބީބޭކަލުންނަކީ އިޢުޖާޒުގެ މަޤާމަށް ވާސިލުވެވަޑައިގެން ތިއްބަވާ ބޭކަލުންނެވެ. އެބޭކަލުން ނުހަނު އަފޫރުއްބަ ޢިލްމުވެރިކަމާއި ލާމަސީލު ފުރިހަމަ ޝަޚްޞިއްޔަތާއެކު ފާޅުކުރެއްވުމުން އެބޭކަލުން ފާހަގަނުކުރެވޭވަރަށް ލޯފަންވުމަކީ އިންސާނުންނާ އެކަށީގެންވާ ކަމެއްނޫނެވެ. އިންސާނުންނަށް އެބޭކަލުން ފެނެއެވެ. ފާހަގަކުރެވެއެވެ. އެނގެއެވެ. އެހެންކަމާއެކުވެސް ފާސިދުން ދެލޯ މަރައިލަނީއެވެ. އެބޭކަލުންގެ ނޫރާނީ އަލިކަން ލޮލުގެ ރަވަ ފަހަނަޅައި އެތެރެޔަށް ވާސިލުވާން ފެށުމުން ލޯމަތީގައި ފޮތި ބަންނަނީއެވެ. ދެއަތްތިލައިން ބާރުކުރަނީއެވެ. އަލި ވަނަނުދިނުމަށްޓަކައި ތިމާމެންގެ ކޮޓަރިތަކުގެ ކުޑަދޮރުތައް ލައްޕައި ކަޅު ފަރުދާ ދަމަނީއެވެ. ނިދައިފައި ތިބޭބަޔަކަށް ހެދިގަންނަނީއެވެ. ނިދައިފައި ތިބޭއިރުކަމެއް މޭރުމެއް ނުވާނެކަމުގައި ބަލައިގެންނެވެ. ހޭލައިތިބި ބަޔަކު އިތުރުން ހޭލެއްވޭނީ ކިހިނަކުންތޯއެވެ؟ އެފަދައިން ނުދެނެތިބިކަމުގައި ހެދެނީއެވެ. ދެނެތިބި ބަޔަކު ނުދެނެތިބިކަމުގައި ހެދިގަތުމުން އެބަޔަކު ޖާހިލުކަމުގެ ދުނިޔެއިން ބޭރަކަށް ނުނެރެވޭނެއެވެ. ޔަހޫދީންގެ ޢާލިމުން ތިބީ އެގޮތުގައެވެ. ޚާއްޞަކޮށް އެބައިމީހުންގެ ބޮޑެތި ޙިބުރުން ތިބީ އެދަރަޖައިގައެވެ. އެބައިމީހުން ފަހުޒަމާނުގެ ނަބިއްޔާ ރަނގަޅަށް ދަނެއެވެ. އެބައިމީހުންނަށް އެބައިމީހުންގެ ދަރީން އެނގޭފަދައިންނެވެ. (الأنــعـــام: 20) ނަމަވެސް އެނަބިއްޔާގެ ދަރަޖަމަތިވެރި މަޤާމާމެދު އެބައިމީހުންނަށް ޙަސަދަވެރި ވެވެނީއެވެ. ޔަހޫދީންގެ ޢާންމުންނާއި މަދީނާގެ ޢަރަބީން އެ ނަބިއްޔާގެ ބަސްފުޅު ތެދުކޮށް އިސްލާމްވަމުންދާ މަންޒަރު ފެނުމުން އެބައިމީހުންގެ ލަގޮނޑިއަށް ކެތްނުވަނީއެވެ. ޙަސަދައާއި ނީހައިގެ ސަބަބުންނެވެ.

(ނުނިމޭ)