މި އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒު ހާސިލު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވަނީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރައްވައިފައެވެ. ނަމަވެސް އިގުތިސޯދީ ހާލަތު ރަނގަޅުވުމުން އެ އަދަދު ވަނީ 1.9 މިލިއަން ފަތުރުވެރިންނަށް އިތުރުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމަންޓަރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދިގު މުއްދަތުގެ އެވްރެޖް މިންގަނޑަށް ރުޖޫއަވެ އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 5.5 ޕަސެންޓުގައި ކަމަށެވެ.

އެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވުން ކަމަށާއި އެގޮތުން މި އަހަރުގެ ތެރޭގައި ޗައިނާގެ ބޯޑަރު ހުޅުވުމާއެކު އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށުމުގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޗައިނާގެ ފަތުރުވެރިންނާ އެކު ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބުނަސް އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު, 2022 ވަނަ އަހަރާ އަޅައި ބަލާއިރު މަދުވަމުން އަންނަ ކަމަށެވެ.

"މިއީ ކޮވިޑް-19 އަށްފަހުގައި ބޯޑަރުތައް ހުޅުވުމާއެކު، އޭރު އޮތް ޕެންޓް-އަޕް ޑިމާންޑް މިހާރު ނެތުމާއި ހުރިހާ ގައުމެއްގެ ބޯޑަރުތައް މިހާރު ހުޅުވާފައިވުމާއެކު ފަތުރުވެރިކަމުގެ މާކެޓުގެ ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމުގައި ބެލެވޭ. ކަންމިހެން ހުރި ނަމަވެސް، ވޭތުވެދިޔަ އަހަރު ބަޖެޓުގެ ބަޔާނުގައި އަންދާޒާކުރި މިންވަރަށް ފަތުރުވެރިން އަންނާނެކަމަށް ބެލެވޭ. މި އަހަރު އަންނާނެ ކަމަށް މިހާރު ލަފާކުރެވެނީ، ރެކޯޑް އަދަދެއް ކަމަށްވާ 1.87 މިލިއަން ފަތުރުވެރިން," އަމީރު ވިދާޅުވިއެވެ.