އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 49,549,713,738 (ސާޅީސް ނުވަ ބިލިއަން، ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން، ހަތް ލައްކަ ތޭރަހާސް، ހަތްސަތޭކަ ތިރީސް އަށް) ރުފިޔާ ކަމަށެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މި ބަޖެޓްގައި އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ބަޖެޓުގައި ވަނީ ޓެކުހުގެ ގޮތުގަ ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަންނަ އަހަރު އިތުރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓް، (ޕީއެސްއައިޕީ) އަށް 8.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެއީ ބަޖެޓުގެ %17 އެވެ. ދަރަނި ސާވިސްކުރުމުގެ މަސައްކަތްތަކަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރަން ހިމަނާފައި ވެއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ އެކަމަށް އެހާ ބޮޑު އަދަދެއް ކަނޑައަޅަން ޖެހުނީ 2026 ވަނަ އަހަރު ބޭރު ފައިސާގެ ބޮޑެތި ދަރަނިތަކެއް އަދާކުރަން ޖެހޭނެތީ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ޑެފިސިޓާއި ދަރަނި އަދާކުރުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފާ ހިމަނައިގެން ބަޖެޓު ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. އޭގެ ތެެރެއިން 12.4 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި، މީގެ ތެރޭގައި މަޝްރޫއުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ހަރަދުވާނެ ކަމަށް ބެލެވޭ 4.7 ބިލިއަން ރުފިޔާ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށާއި، ތަކެއްޗާއި ހިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ހަރަދުތަކަށް 6.1 ބިލިއަން ރުފިޔާ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ލޯނުގެ ހިދުމަތުގެ ހަރަދަށް 5.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބަޖެޓުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށާއި މިއީ މި އަހަރާ އަޅައިބަލާއިރު 382 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިހްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާއިން ކަމަށެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 12 އިންސައްތައިގެ ޑެފިސިޓެއް ކަމަށާއި، ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 8.5 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 450 މިލިއަން އެމެރިކާ ޑޮލަރު އަދި ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކައިގެން 50 މިލިއަން ޑޮލަރު ކަމަށާއި، މީގެ އިތުރުން އެތެރޭގެ ފަރާތްތަކުން 4.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރެއިން 3.5 ބިލިއަން ރުފިޔާއަކީ ޓްރެޒަރީ ބިލު އިތުރަށް ވިއްކައިގެން ހޯދަން ރާވާފައިވާ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް ބެލެވެނީ 104.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މި ޑެފިސިޓާއެކު، ދައުލަތުގެ ސީދާ ދަރަނި 2024 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 117.8 ބިލިއަން ރުފިޔާގައި ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 103 އިންސައްތަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު