އެމަނިކުފާނުގެ ސަރުކާރެއްގައި ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިރޭ ވަނީ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިކަމުގެ ދާއިރާއާ ބެހޭގޮތުން ނޫސްވެރިންގެ ހިޔާލު ހޯއްދަވައިފައެވެ. އެގޮތުން ފާޅުކުރި ހިޔާލުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ރޮނގުން ތައުލީމު ހާސިލުކުރުމުގައި ދިމާވަމުންދާ ދަތިތަކާއި މީޑިއާތަކުގެ އޮފީސް ހިންގުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭކަން މީޑިއާތަކުގެ ވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ނޫސްވެރިން ވަނީ ސަރުކާރުގެ ވުޒާރާތަކުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކޮށްފައެވެ.
ނޫސްވެރިންގެ ހިޔާލުތައް ހޯއްދެވުމަށްފަހު އެ ކަންކަމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހުރިހާ ކަމެއް ގެންދާނީ ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ނޫސްވެރިންނަށް މައުލޫމާތު ހޯދޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ނޫސްވެރިން ކުރަން ބޭނުންވާ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުންނަ މީހަކު ފޮރުވަން ޖެހޭ އެއްޗެއް ރައްޔިތުންނަށް އޮވެގެން ނުވާނެ. ރައްޔިތުން ކަމަކަށް އެދިފިނަމަ އެކަމެއް ސާފުކޮށް ބަޔާންކޮށް ދެވެންވާނެ. އެ ފަލްސަފާގެ މަސައްކަތްކުރާނެ ވަރުގަދަ ޓީމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކުލަވާލާފަ މިވަނީ. ކެބިނެޓުގަވެސް ކުންފުނިތަކުގެ ވެރިންގެ ގޮތުގަވެސް ތިއްބަވާނީ އެ ވިސްނުމުގައި މަސައްކަތް ކުރަން ކެރިވަޑައިގަންނަވާނެ ބޭފުޅުން. އެހެންވީމާ ތިބޭފުޅުން (ނޫސްވެރިން) ޔަގީންކުރައްވަންވީ ކަމަކީ އިރާދަކުރެއްވިއްޔާ 17 ވަނަ ދުވަހު ފެށިގެންދާ ސަރުކާރަކީ ތިބޭފުޅުންނާއެކީގައި، މީޑިއާގައި މަސައްކަތްކުރައްވާ ނޫސްވެރިންނާ އެކީގައި ހުރިހާ ސުވާލުތަކަށް އެދިވަޑައިގަންނަވާ ހުރިހާ މައުލޫމާތުތަކެއް ދެއްވުމުގެ ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރާނެ ސަރުކާރަކަށް ވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ޕްލޭނެއްގެ ދަށުން ހައްލުތައް ލިބިގެންދާނެ ކަމަށާއި މީޑިއާތަކުގެ އޮފީސްތައް ބޮޑު އަގުގައި ކުއްޔަށް ހިފައިގެން ހިންގުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުން މީޑިއާތަކަށް ހާއްސަ ވިލެޖެއް ހަމަޖައްސައި ނޫސްވެރިންނަށް ސްކޮލާޝިޕް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު