އުފަންދުވަހުގެ ހަދިޔާއަކަށް ދިން ލައިވް ގްރެނޭޑެއް ގޮވައި ޔޫކްރެއިން މިލިޓަރީ މީހަކު މަރުވެއްޖެއެވެ.

ޔޫކްރެއިންގެ މިލިޓަރީ ކޮމާންޑާ އިން ޗީފްގެ އެންމެ އަރިސް އެއް ބޭފުޅާގެ އުފަންދުވަހު އޭނާގެ ރައްޓެއްސަކު ދިން ފޮއްޓެގައި ވަނީ ގްރެނޭޑް މޮޑެލަތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު އިހޯ ކލައިމެންކޯ ވިދާޅުވެފައިވާ ގޮތުގައި މޭޖާ ގެންނަޑީ ޗަސްޓިއަކޮވް އަށް އޭނާގެ ރައްޓެއްސަކު ދިން ހަދިޔާ ފޮށީގައި ހުރީ އަސްލު ގްރެނޭޑްތަކެކެވެ.

ޗަސްޓިއަކޮވްގެ އުމުރުން 13 އަހަރުގެ ދަރިފުޅު ވަނީ އެ ފޮށީގައި ހުރި ގްރެނޭޑްތަކުން ގްރެނޭޑެއް ނަގައި އޭގައި ހުރި ޕިން ނައްޓާލާފައެވެ. އަދި ޗަސްޓިއަކޮވް އަށް އެ ގްރެނޭޑް ފެނިވަޑައިގަތުމާއެކު އޭތި ގޮވީ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ފުލުހުން ހިންގި ތަހުގީގުން ވަނީ ޗަސްޓިއަކޮވްގެ އެޕާޓްމަންޓު ތެރެއިން އިތުރު ގްރެނޭޑްތަކެއް ފެނިފައިވާކަމަށް ބުނެފައެވެ.

މި ހާދިސާގައި ޗަސްޓިއަކޮވް އަވަހާރަވީ އިރު އޭނާގެ 13 އަހަރުގެ ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.