އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ދެއްވި ގާނޫނީ ލަފަޔާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަސްލަހަތު ހިމެނޭ މެންބަރުން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ ޖަލްސާގެ ރިޔާސަތަށް ނާންނަ ގޮތް ހަދަން މަޖިލީހުގެ އަަމީން އާއްމު ފާތުމަތު ނިއުއުޝާއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސް ކޮށްފިއެވެ.

އީވާ އާއި އަފީފު ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދުގެ އިތުބާރުނެތް މައްސަލަ ކުރިއަށް ނުގެންދަން މަޖިލިސް އިދާރާގެ ލަފައާ ހިލާފަށް އަދި މެންބަރުންގެ އިމްތިޔާޒު ގެއްލޭގޮތަށް އެ ދެ މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށްބުނެ އެ ދެ މެންބަރުން މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އިއްޔެ ފާސްކުރިއެވެ. އަދި އެކަމުގައި އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްވެސް ކޮމިޓީން ނިންމިއެވެ.

ކޮމިޓީން އެގޮތަށް ފާސް ކުރުމާ ގުޅިގެން ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެމްބަރަކު އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ނުބަލަހައްޓާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވިއެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރު ކަމަށްވާ އަފީފު ރިޔާސަތު ބެލެހެއްޓެވި އިއްޔެގެ ޖަލްސާއިން ބޭރުކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށްވެސް ލަފާގައި ވެއެވެ.

އެހެންކަމުން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ނިންމީ އެޓާނީ ޖެނެރަލްގެ ލަފައާ އެއްގޮތަށް ކަން ކުރުމަށް މަޖިލީހުގެ އަމީން އާއްމަށް އެންގުމަށެވެ.