ފުވައްމުލައް ސިޓީގެ އެއާޕޯޓުގައި ކާގޯ ވެހިކަލަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުވައްމުލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓުގެ ލަގެޖު އުފުލާ އުޅަނދު ކޮންޓްރޯލް ނުވެ ގޮސް ފުލައިޓުގައި ޖެހިގެން ކަމަށެވެ.

"ކެޑާ (ލަގެގް އުފުލާ ވެހިކަލް) ކޮންޓްރޯލް ނުވެ އައީ ފުލައިޓާ ދިމާއަށް. ކެޑާ ގޮސް ފުލައިޓުގައި ޖެހުނީ ވަރަށް ބާރަށް. ޑްރައިވަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި. ޑްރައިވަރު ހުރީ ވެހިކަލުގެ އެތޭރެގައި ޖެހުނުލެއް ބާރުކަމުން ފިތިފައި،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މުވައްޒަފަށް އެމްބިއުލާންސަށް ނަގަން އުޅުމުން އަނިޔާވެފައިވާ މިންވަރު ބޮޑުކަމުން، ހޮސްޕިޓަލަށް ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލްގެ އެމްބިއުލާންސްއެއްގައި ގެނައި ޑޮކްޓަރުންތަކެއް ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ވަން" އަށް މިއަދު ވިދާޅުވީ، އަނިޔާވި މީހާގެ ސްކޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އަނިޔާގެ ތަފުސީލު ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.