މަޖިލިސް ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގޯސްކޮށް ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ މަޖިލިސްގެ ރިޔާސަތުން ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށް ނުލެވޭނެ ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ލަފާދެއްވާފައިވާ ކަމަށާއި އެއީ މަޖިލިސްގެ ސްޓޭންޑް ކަމަށެވެ.

"އިދާރާއިން ދެކެނީ މައްސަލަ އެގޮތަށް ރިޔާސަތަށް ބޭރު ނުކުރެވޭނެ ކަމަށް. އެހެންވެ ދެވަނަ ޖަލްސާއަކަށް އެޖެންޑާ ކުރީވެސް،" ޒިޔާއު ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށްފަހުއެވެ.

މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެއީ މަޖިލިސް ނައިބު ރައީސް އެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. އެ ޖަލްސާގައި ގަރާރު ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައިފައެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

ނަމަވެސް އަފީފް މިއަދު ޖަލްސާ ކުރިއަށް ނުގެންދަން ނިންމަވައި، ގަރާރު ބޭރުކޮށްލެއްވީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާ ކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާ ބާއްވަން އެޖެންޑާކޮށް، މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ ރިޔާސަތުގައި ދެވަނަ ޖަލްސާ ފެއްޓެވިއެވެ.

ޖަލްސާ ފައްޓަވައި ނައިބު ރައީސް އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިއަދު ހެނދުނުގެ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ގަރާރެއް ކަމަށެވެ. އެހެންވެ މި މައްސަލަ މިއަދު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތަށް ވިދާޅުވުމަށްފަހު އީވާ ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

މިއަދުގެ ދެ ޖަލްސާއާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރާ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު، އީވާ އާއި ހަސަން އަފީފަށް ނުބެލެހެއްޓޭނެ ގޮތް ހަދަން، ފާސްކޮށް އެކަން އާއްމު ކޮމިޓީއަށް އަންގައިފިއެވެ.