ބީއެމްއެލް ގައުމީ 47 ވަނަ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހުޅުމާލޭ ސްވިމިން ޕޫލުގައި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ގައުމީ ފެތުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، އިވެންޓްތަކުގެ ކާމިޔާބީ ފާހަގަކުރީ ހުޅުމާލޭ ޕޫލްގައި ބޭއްވި ހާއްސަ އެވޯޑު ހަފުލާއެއްގައެވެ. ރަސްމިއްޔާތުގައި ފެތުންތެރިންނަށް ތަށްޓާ އިނާމު ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ސްޓެރެޓެޖީ އެންޑް ޗޭންޖް މޫސާ މުންސިފް އަހުމަދު އަދި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކަސްޓަމާ ސާވިސް އަފްޒާ މުހައްމަދެވެ.
ޓީމުތަކުން ފެތުންތެރިން ވާދަކުރާ ބަޔާ އާއްމުކޮށް ހުޅުވާލައިގެން ފެތުންތެރިން ވާދަކުރާ ގޮތަށް ކުރިޔަށް ގެންދިޔަ މިއަހަރުގެ ގައުމީ ފެތުމުގެ މުބާރާތުގައި 181 ފެތުންތެރިން ވާދަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ފިރިހެން 10 ޓީމު އަދި އަންހެން ހަތް ޓީމު މުބާރާތުގައި ވާދަކޮށްފައި ވެއެވެ. ފެތުމުގެ ގައުމީ 47 ވަނަ މުބާރާތުގައި ޖޫނިއާ ބަޔާ ސީނިއާ ބައިގެ އިތުރުން، މާސްޓާސް ބައި އަދި ޓީމުތަކުގެ ބައި ހިމެނޭހެން ޖުމުލަ 15 އިވެންޓް ކުރިޔަށް ގެންދިޔައެވެ.
މިއަހަރުގެ ގައުމީ މުބާރާތް ބޭއްވިގެން ދިޔައީ އެހެން އަހަރުތަކާ ހިލާފަށް މުބާރާތުގައި ބައިވެރިވުމަށް އެކި ކެޓެގަރީތަކުން އެކި އިވެންޓްތަކުން ކޮލިފައިން ޓައިމިންއަށް ފެތޭ ފެތުންތެރިންނަށް ބައިވެރިވެވޭގޮތަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފެތުންތެރިއަކުވެސް ބައިވެރިވާން ޖެހެނީ އެފެތުންތެރިއަކު ބައިވެރިވާން ބޭނުންވާ އިވެންޓް ނުވަތަ އިވެންޓްތަކުން ކޮލިފައި ވެގެންނެވެ. ކޮލިފައިއިން ޓައިމްގެ ގޮތުގައި މިއަހަރު އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކާ ރާއްޖެއިން ބޭރުގައި އޮތް މުބާރާތްތަކުގައި ބައިވެރިވެ ހޯދާފައިވާ ޓައިމިން ހިމެނުމުގެ ފުރުސަތު ދިނެވެ.
އަންހެން އިވެންޓްތަކުން ޓީމް އިވެންޓުން އެއްވަނަ ހޯދީ ނިއުލެގޫން ސްވިމިން ކުލަބެވެ. ފިރިހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ. މުބާރާތުގެ އަންހެން ދެވަނަ ޓީމުގެ މަގާމު ހޯދީ ޔޫތު ޗެލެންޖެ ސްވިމިން ކުލަބެވެ. ފިރިހެން ދެވަނަ ހޯދީވެސް ނިއުލެގޫން ސްވިމިން ކުލަބެވެ. މުބާރާތުގެ އަންހެން ތިންވަނަ ކުލަބުގެ މަގާމު ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނެވެ. ފިރިހެން ތިން ވަނަ ކުލަބުގެ މަގާމު ހޯދީ ފީނާ ސްވިމިން އެކަޑެމީންނެވެ.
ގައުމީ 47 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއާ ބައިން ފިރިހެން އެންމެ މޮޅު ފެތުންތެރިންގެ މަގާމު ޝައިމް ހުސައިން އިބްރާހީމް، އަންހެން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު އަމްނާ ތަޒްކިޔާ މިރުޝާދު ހޯދި އިރު، ސީނިއާ ބައިން އެންމެ މޮޅު އަންހެން ފެތުންތެރިޔަކީ އާއިޝަތު ސައުސަންއެވެ. ފިރިހެން އެންމެ މޮޅު ފެތުންތެރިޔަކީ މުހައްމަދު ރިހާން ޝިހާމެވެ. މާސްޓާސްބައިގެ އެންމެ މޮޅު ފިރިހެން ފެތުންރިޔާގެ މަގާމު ހޯދީ ހުސައިން މުބާހެވެ.
ސީނިއާ ބައިގެ އަންހެން ދެވަނަ ފެތުންތެރިޔަކީ ފާތިމަތު އަންޖަލް ފަޔާޒެވެ. އަދި އެ ބައިން ދެވަނަ ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދާފައިވަނީ އަލީ އިއްމާނެވެ. ތިންވަނަ ފެތުންތެރިންނަކީ އާއިޝަތު އައިނީ އަބްދުލް ހަމީދާއި މުހައްމަދު އާން ހުސައިނެވެ.
މިއަހަރު ފެތުމުގެ ގައުމީ މުބާރާތް ބޭއްވީ ރާއްޖޭގައި ފުރަތަމަ ފަރަހަށް ބޭނުންކުރަން ފެށި އޮޓަމޭޓް ޓައިމް ސިސްޓަމް ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން ހުޅުމާލޭ ސްވިމިން ޕޫލުގައި ޕުޝްޕެޑް ހަރުކޮށް މުބާރާތް އެހެން ހަރުފަތަކަށް ގެންގޮސްފައިވެއެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް