މަޖިލިސް ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައަކީ މިއދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާއިން ބޭރުކޮށްފައިވާ މައްސަލައަކަށް ވާތީ، ދެވަނަ ފަހަރަށް ފެށި ޖަލްސާ ވެސް އަދި އެ މައްސަލަވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ނިންމަވައިފިއެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށްފަހުއެވެ.

މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެއީ މަޖިލިސް ނައިބު ރައީސް އެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. އެ ޖަލްސާގައި ގަރާރު ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައިފައެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

ނަމަވެސް އަފީފް މިއަދު ޖަލްސާ ކުރިއަށް ނުގެންދަން ނިންމަވައި، ގަރާރު ބޭރުކޮށްލެއްވީ ގާނޫނާއި މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާ ބާއްވަން އެޖެންޑާކޮށް، މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ ރިޔާސަތުގައި ދެވަނަ ޖަލްސާ ފެއްޓެވިއެވެ.

ޖަލްސާ ފައްޓަވައި ނައިބު ރައީސް އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިއަދު ހެނދުނުގެ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ގަރާރެއް ކަމަށެވެ. އެހެންވެ މި މައްސަލަ މިއަދު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، މަޖިލިސް ގަވާއިދަށް ރިއާޔަތްކޮށް، މިއަދުގެ ރިޔާސަތުން ބޭރުކުރައްވާފައިވާ ގަރާރެއް ކަމަށް ވާތީވެ، މި ގަރާރު ދެން ރައްޔިތުންގެ މަޖިލީހުގައި މިގޮތަށް އޮއްވައި ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ނުބަލަން،" އީވާ ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވުމަށްފަހު އީވާ ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ މިއީ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. އަދި މަޖިލިސް އިދާރާއިން ވެސް ގަބޫލުކުރާ ގޮތުގައި މައްސަލަ ބޭރު ނުވާ ކަމަށާއި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް އިދާރާއިން އެގޮތަށް ނިންމާފައި ވަނިކޮށް، ރިޔާސަތުން އެމައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އެ ބާރު ރިޔާސަތަށް ލިބިގެން ނުދާ ކަމަށެވެ. އަދި އަފީފްގެ އެ ނިންމުމަކީ މަޖިލިސް ގަވާއިދާ ހިލާފަށް ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށާއި އެހެންވެ، އަފީފާ ގުޅޭ އިމްތިޔާޒީ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މުގައްރިރް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އަފީފް، ނަޝީދުގެ މައްސަލަ ބޭރުކޮށްލަން ނިންމީ މަޖިލިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައި، އެމައްސަލަ ބެލުމަށް މިއަދުގެ މެންދުރު 12:00 އަށް އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.